"މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ގ. ކްރެބްޓްރީ، އަލީ އަހުމަދަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހޯދުމަށާއި ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދައާ އެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު ހުށަހެޅުމަށް 3 މަސް ދުވަހުގެ މުއްދަތެއް އަލީ އަހުމަދަށް ދީފައެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް އެ ކޮމިޝަނަށް ހުށަހެޅުމަށްފަހު ޕާޓީ އުފެއްދުމަށް ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. އަދި އެ ބައްދަލުވުމުގައި ޕާޓީއަށް ސޮއިކުރި 3،000 މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ 300 މީހުންގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރު، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ވެސް ހިމަނަންޖެހެއެވެ.
ރާއްޖޭގައި މިވަގުތު އޮތީ ރަޖިސްޓްރީކޮށްފައިވާ 11 ޕާޓީ އެކެވެ. އެއީ އެމްޑީޕީއާއި ޕީއެންސީއާއި ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއާއި އެމްޓީޑީއާއި އެމްއެންޕީއާއި އެމްއާރްއެމްއާއި ދަ ޑިމޮކްރެޓްސްގެ އިތުރުން ޕީއެންއެފްއެވެ.