އިޙްސާންތެރިކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭކަމަށާއި، އެއީ ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
އިޙްސާންކަމާ ގުޅޭގޮތުން ދިން މިއަދުގެ ހުކުރު ޚުޠުބާގައި ރަހިމުގެ ގުޅުން ދެމެހެއްޓުމާ ގުޅޭގޮތުން ބުނެފައިވަނީ، އެއީ ޢުމުރާއި ރިޒުޤުގައި ބަރަކާތްލައްވާ ކަމެއްކަމަށާއި މަރުމަތި އަމާންވާނެ ކަމެއްކަމުގައެވެ. އެގޮތުން އެމީހެއްގެ ޢުމުރު ދިގުކުރެއްވުމަށާއި، ރިޒުޤު ތަނަވަސްވުމަށާއި، ނުބައި މަރަކުން މަރުވުމުން ދުރުކުރެެއްވުމަށް އެދޭމީހާ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ކީރިތި ރަސޫލާ އަމުރުކުރައްވާފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ އިޙްސާންކަމަކީ، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހެޔޮކޮށް ހިތުން ކަމުގައެވެ. އަދި އެއީ އިސްލާމްކަމާއި، އީމާންކަމަށް ފަހު، މުއުމިނެއްގެ ޙަޔާތުގައި، ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއްކަމަށެވެ. އެގޮތުން ވަޙީގެ މަލާއިކަތާ، ޖިބުރީލު ޢަލައިހިއްސަލާމް، އިޙްސާންކަމާ ބެހޭގޮތުން ކީރިތި ރަސޫލާ އާ ސުވާލު ކުރެއްވުމުން (اَلْإِحْسَانُ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِن لَّـمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)[1] އޭ ޙަދީޘް ކުރެެއްވި ކަމަށެވެ. އެ ޙަދީޘްގެ މާނައަކީ "އިޙްސާންކަމަކީ، ތިބާ ﷲއަށް އަޅުކަންކުރާ ހިނދު، ތިބާ އެކަލާނގެ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނުކަމުގައި ވިޔަސް، އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ."
ޚުޠުބާގައި އިތުރަށް ބުނީ، އިޙްސާންކަމަކީ، މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެއްކަމަށެވެ. އެގޮތުން، އޭނާގެ އިސްލާމްކަމާއި، އީމާންކަމާއި، އަޅުކަމުގައާއި އެހެންމީހުންނާ ކުރާ މުޢާމަލާތުގައްޔާއި، އަމިއްލަ ނަފުސަށް ކުރާ މުޢާމަލާތުގައާއި، މާލީ މުޢާމަލާތާއި، އަބުރު ހިފެހެއްޓުމާއި، ޢިލްމު އުނގެނުމުގައިވެސް އިޙްސާންކަން ހުރުން ލާޒިމްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އަޅުކަމުގައި އިޙްސާންތެރިކަމަކީ، މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެކަލާނގެއާ އެހެން ފަރާތެއް ބައިވެރިނުކުރުން ކަމަށާއި، ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުންކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
މިއަދުގެ ޚުޠުބާގައި ވަނީ އިޙްސާންތެރިކަމުގައި އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުންވެސް ހިމެނޭކަމަށާއި، އޭގެތެރެއިން އެންމެ އަޢުލާކަން ބޮޑީ މައިންބަފައިންނަށް އިޙްސާންތެރިވުންކަމުގައިވެސް ބުނެފައެވެ.
މިއަދުގެ ޚުޠުބާ ލިޔުއްވާފައިވަނީ އައްޝައިޚް އަޙްމަދު ފަހުމީ ދީދީއެވެ.
[1] رواه البخاري (4777)، ومسلم (8) واللفظ للبخاري.