އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަޤްފު މަޝްރޫއުތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި އެ ވުޒާރާއާއި ނެއްލައިދޫ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފެވެ.
ވަޒީރު ވިދާޅުވީ، ވަޤްފުގެ މަޝްރޫއުތައް އިތުރުކޮށް އޭގެ މަންފާ އެކި ދާއިރާތަކަށް ފުޅާ ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި، ނެއްލައިދޫ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަޤްފު މަޝްރޫޢެއް ކުރިއަށް ގެންގޮސް އޭގެ މަންފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.
ވަަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ވަޤްފު ޢިމާރާތްތައް އިތުރު ކުރުމަކީ އަމާޒެއްކަމަށާއި، ނެއްލައިދޫގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވީ ލިބުނު ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލަކީ ނެެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލްކަމަށް ވާތީ ކަމަށެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް ވަނީ މި މަޝްރޫއުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު އިންވެސްޓްމެންޓެއް ކަމަށާއި އުއްމީދަކީ ވަޤްފު މަޝްރޫޢުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ލިބިގެން ދިއުން ކަމަށެވެ.
ނެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ވަގުފް މަޝްރޫއުއަކީ ލަނޑާ/ކަނޑު/ފަރު މަސްވެރިކަމާގުޅޭ މަސައްކަތަށް އެރަށުން އާއްމުންނަށް ކުއްޔަށްދިނުމަށް، 10 އައުޓްލެޓް އިމާރާތްކުރުމެވެ. މި މަޝްރޫއުގެ ދަށުން އަޅާ 10 އައުޓްލެޓް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ އިޖުތިމާޢީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ރަށު/ސިޓީ ވަޤްފުމަޝްރޫއުއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފްތިތާހް ކުރި މުހިއްމު މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 އަތޮޅު/ސިޓީ ކައުންސިލަކުން ވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.