ސިޔާސީގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫންކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ބޭރުފައިސާއާއި ބެހޭ ޤަވާޢިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ޤަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން މިފެންނަނީ އެންމެ ބޮޑު ސިނާޢަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އިޤްތިސާދުގެ މައިބަދައަކީ ކޮންމެ ޤައުމެއްގައިވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރީއާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތިވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް ކަމުގައެވެ. އަދި އެފަރާތްތަކާއި މަޝްވަރާކޮށް ގޮތްނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.
ބޭރުފައިސާއާއި ބެހޭ ޤަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ޤަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން މިފެންނަނީ އެންމެ ބޮޑު ސިނާޢަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން.
އިޤްތިސާދުގެ…
— Abdulla Shahid (@abdulla_shahid) November 15, 2024
ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދަށް އަމަލު ކުރަން ފެށުމާ ގުޅިގެންނެވެ. ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅުތައް އެޅީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުންނެވެ.
އެމްއެމްއޭ އިން ޢާންމުކުރި އުޞޫލުގައިވާ ގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަށް މާރުކުރަން ޖެހެއެވެ.
އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަށް މާރުކުރަންޖެހެއެވެ.
އެހެންނަމަވެސް ބޭރުފައިސާ މާރުކުރާ ބެހޭ އުޞޫލަށް ބަދަލެއް ނުގެނެސް އޮންނަތާ 37 އަހަރަށްވުރެ ގިނަދުވަސް ވީ ފަހުން ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ، މަޝްހޫރު ބޮޑެތި ރިސޯރޓް އޯނަރުން ދަނީ ބޮޑާ ހާކަމުންނެވެ. އޭގެތެރޭގައި ރާއްޖޭގައި އަށް ރިސޯޓު ހިންގަމުން އަންނަ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ތިން ރިސޯޓެއް ހިންގަމުންދާ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ހިމެނެއެވެ.