ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އިޢްލާންކުރާނެކަމަށް ބުނެފައިވިޔަސް، އެ ލިސްޓް ނެރުން ލަސްވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ދަނީ ތާރީޚަކަށްފަހު ތާރީޚެއް، ތާރީޚަކަށްފަހު ތާރީޚެއް ދީ ފްލެޓް ލިސްޓް ނެރުން ލަސްކުރަމުންނެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ހައުސިންގ އެޑްވައިޒަރީ ކޮމިޓީއާއި ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންތައްތައް ރީ އިވެލުއޭޓުކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.
މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް އިޢުލާންކުރެވުނު “ގެދޮރުވެރިޔާ” ސްކީމްއާ ގުޅޭ. pic.twitter.com/6fxDEObtHW
— Ministry of Housing, Land and Urban Development (@MHLUDmv) November 16, 2024
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުރިން ޢާންމުކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ އުޞޫލުގެ ދަށުން ހުށަހަޅާފައިވާ 20697 ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށާއި، އެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާކަމަށެވެ. އަދި ސްކީމްގެ ވަގުތީ ލިސްޓާއި ރީ އިވެލުއޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދެވުނު މަސައްކަތަކުގެ ތަފްޞީލްތައް އެ މަސައްކަތް ނިމުުހާ އަވަހަކަށް އާންމު ކުރާނެ ކަމަށެވެ.
އަދި އިތުރު މުއްދަތު ހޭދަވިޔަސް، ސަރުކާރުގެ މަޤްޞަދަކީ އެ ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައވާ އެއްވެސް ފަރާތެއްގެ ޙައްޤު ގެއްލިގެން ނުދާނެ ކަން ކަށަވަރުކުރުމާއި ފްލެޓްތައް ދޫކުރެވެނީ އެންމެ ޙައްޤުވެރީންނަށްކަން ޔަޤީންކުރުން ކަމަށެވެ.
މި ބަޔާނުގައި ފްލެޓް ލިސްޓް ޢާންމުކުރާނެ އެއްވެސް ތާޜީޚެއް ބުނެފައިނުވާއިރު، ވަޒީރު ހައިދަރު ވަނީ އެތައް ފަހަރެއްގެ މަތިން ހަފްތާއެއްގެ ތެރޭގައި އިޢްލާންކުރާނެކަމަށް ބުނެފައެވެ. މިއަދަކީވެސް ލިސްޓް އިޢްލާންކުރާނެކަމަށް އިޢްލާންކޮށްފައިވާ ދުވަހެކެވެ.