އިނގިރޭސިބަހުން މި ކިޔާ މެތެމެޓިކްސް އަށް ޢަރަބިބަހުން ކިޔަނީ ރިޔާޟިއްޔާތު އެވެ. ރިޔާޟިއްޔާތު އައިސްފައިވަނީ "ރިޔާޟު " މި ލަފުޒުންނެވެ. އެއީ ދަނޑެވެ. ނުވަތަ ބަގީޗާއެވެ. އެ ޒަމާނުގެ މުޖްތަމަޢުތަކަކީ ދަނޑުވެރިކަމުގެ މަތީގައި މަޢީޝަތު އޮތް މުޖްތަމަޢުތަކަކަށް ވާތީ ދަނޑުފަނގުތަކުގައި މިންއެޅުމަށާއި އެ ތަންތަނަށް ވެހޭ ވާރޭގެ މިންވަރު ދެނެގަތުމަށް ބޭނުންކުރި ވިޔަކުރުންތަކަށް ރިޔާޟިއްޔާތު ކިޔުނީއެވެ.
އެހެން ރައުޔެއް ބުނާގޮތުގައި ރިޔާޟިއްޔާތު އައިސްފައިވަނީ ރިޔާޟު އިންނެވެ. އެއީ ކުޅިވަރެވެ. ރިޔާޟިއްޔާތުގައި ސިކުނޑިއަށް ބޭނުންވާ ކަސްރަތުތަކާއި ޙަރަކާތްތަކާއި ކުޅިވަރުތައް ހިމެނޭތީއެވެ.
ޔޫނާނީ ބަހުން ހުޅަނގުގެ ބަސްތަކަށް ގޮސްފައިވާ މެތެމެޓިކްސް މި ލަފުޒުގެ އަސްލަކީ ބާބިލް ބަހެވެ. މި ލަފުޒު ތަރްޖަމާކޮށްގެން ޔޫނާނީ ޢިލްމުވެރީން އެބޭފުޅުންގެ ބަސްކޮށާރަށް ވެއްދެވީއެވެ.
މި ވާހަކަކޮޅު ލިޔަން ޖެހުނީ މައި ސުރުޚީގައިވާ ނާޒުކު ނުކުތާއާ ބެހޭ ގޮތުން އެއްޗެއް ދަންނަވަންވެގެންނެވެ. ނާޒުކު ނުކުތާއަކީ މުންޙަނާ (curve) ސުމަކަށްދާ ނުކުތާއެވެ. އެއްޗެއް މައްޗަށް އަރަން ފަށަނީ ނުވަތަ އުދުއްސައިގަންނަން ފަށާނީ މި ނުކުތާއިންނެވެ.
ހިސާބިއްޔާތުގެ ދުނިޔެއިން އަޅުގަނޑުމެން މި ދިރިއުޅޭ ޙަޔާތަށް ނުކުންނައިރު މިއަދު މުސްލިމުންނާ ކުރިމަތިވެފައިވާ ބޮޑެތި ބިރުތަކުގެ ސަބަބުން އެބައިމީހުންގެ ހިތްތަކުގައި މާޔޫސްކަން ކިހާ ފުނަކަށް ފައިބާފައިވޭ ހެއްޔެވެ؟ މި ޙާލަތު ރަނގަޅުވެ މި މުޞީބާތުން އަރައިގަތުމަކީ މުސްތަޙީލު ކަމެއް ބާވައެވެ؟ ބާރު ވައިރޯޅި މަޑުވެ ހަމަހިމޭނެއް ނުވާނެބާވައެވެ؟ ޔަޤީނުން ވެސް ޖަވާބަކީ ނޫނެކެވެ. ޙާލަތު ބަދަލުކުރެވިދާނެއެވެ. ﷲގެ އިޒުނަފުޅާ ލައިގެން ދަތިކަމުގެ ހިލަގަނޑުތަކުން ފަސޭހަކަމުގެ އާރުތައް ނެރެވިދާނެއެވެ. އުންމީދުންނެވެ. މާޔޫސްކަން ވަޅުލައިގެންނެވެ.
ކައްސައިލައިފައިވާ މީހާ ތެދުވުން
ޢިލްމުވެރި ޒާހިދު ބޭކަލަކު އޭނާގެ އެކުވެރީންނަށް ކޮންމެ ދުވަހަކު އޭނާގެ ތަޖްރިބާތަކުން ވާހަކައެއް ކިޔައިދެއްވިއެވެ. އެއްދުވަހަކު އޭނާގެ މި ނަސޭހަތުގެ ވާހަކަކޮޅު ނިންމައިލެއްވުމުން ކުރީ ސަފުގައި އިސް ދަރިވަރަކު ދެންނެވިއެވެ. ޢިއްޒަތްތެރި އުސްތާޒޭވެ! ތިޔަ ދައްކަވާ ވާހަކަތަކާއި ނަސޭހަތްތައް ޚުލާޞާކޮށްލައިދެއްވައިފިނަމަ ހާދަ ރަނގަޅުވާނެއެވެ. އަޅުގަނޑުމެން ޝިޢާރެއް ކަމުގައި ހަދާނެ ޢިބާރާތަކުންނެވެ. އުސްތާޒު ވިދާޅުވިއެވެ. ތިޔަބުނި ކަންތައް ކޮށްދޭނަމެވެ. އުސްތާޒު ތެދުވެވަޑައިގެން ފާރުގައި ބޮޑު އަކުރުން ލިޔުއްވިއެވެ. "މާޔޫސްގެ މަގުގައި ނުހިނގާށެވެ! ކައުނުގައި އުންމީދުތަކެއް ވެއެވެ. އަނދިރިތަކާ ކުރިމަތިނުލާށެވެ! ކައުނުގައި އިރުތަކެއްވެއެވެ." [1]
މާޔޫސްކަމާއި އުންމީދަކީ އިދި ދެ ކަންތަކެވެ. ދުވަހަކުވެސް ބައްދަލެއްނުވާނެތެވެ. މާޔޫސްކަމަކީ އެއަށް މަލާމާތްކުރެވޭ ނުބައި ކަމެކެވެ. މިއާ ޚިލާފަށް އުންމީދަކީ އެއަށް ސަނާކިޔޭ ރަނގަޅު ކަމެކެވެ. ޙަޤީޤީ މުއުމިނަކީ ނުބައިކަމުގެ ތެރެއިން ރަނގަޅުކަން ދެކޭ މީހެކެވެ. ވިލާތަކުގެ ތެރެއިން އިރުގެ ދޯދިތައް ފެންނަ ފަދައިންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވާ ފަދައިންނެވެ. "ޙަޔާތަށް ދެ އިމެއް ވެއެވެ. އެއް އިމަކީ އުންމީދެވެ. ދެވަނަ އިމަކީ އަޖަލެވެ. ފުރަތަމަ ކަމަކީ ދެމިއޮތުމެވެ. ދެވަނަ ކަމަކީ ފަނާވެދިޔުމެވެ. "[2]
ނަބިއްޔާ صلى الله عليه وسلم އަކީ ހުރިހާ ޙާލަތުތަކެއްގައި ވެސް އުންމީދު އުފެއްދެވުމުގައި މުސްލިމުންނަށް ލިބިގެންވާ އެންމެ މާތް ނަމޫނާއެވެ. ހަނގުރާމައިގެ ޙާލަތުގައްޔާއި ޞުލްޙަ މަސަލަސްކަމުގެ ޙާލަތުގައި، ދަތުރުފުޅުތައް މަތީގައްޔާއި މަދީނާގައި ހުންނަވާ ވަގުތުގައި، ހައިހޫނުކަމުގެ ވަގުތުގައްޔާއި ހައިހޫނުކަންފިލައިގެންގޮސްފައިވާ ޙާލަތުގައި، އެކަލޭގެފާނު ވަނީ އުންމީދުން ދޭސް ފުރައިލައްވައިފައެވެ. ނަބަވީ ސީރަތަކީ އުންމީދުގެ ފޮޓޯތަކާއި ތަޞްވީރުތަކުން ފުރިގެންވާ ސަރާސަރު ބޮޑު މައިދާނެކެވެ. އެއީ ދުޝްމަނުންގެ މައްޗަށް ނަޞްރާއި ފަތަޙަ ލިބިގެންދާނެ ކަމުގެ ބިޝާރަތުން ޒީނަތްތެރިވެފައިވާ ޢާލަމެކެވެ.
މާތް ﷲ ރުއްސުންލެއްވި އަލްބަރާއު ބިން ޢާޒިބު ވިދާޅުވިއެވެ. ((لما كان حين أمرنا رسولُ اللهِ صلَّى اللهُ عليهِ وسلَّم بحَفْرِ الخَنْدَقِ عَرَضَتْ لنا في بعضِ الخَنْدَقِ صخرةٌ لا نأخذُ فيها المَعَاوِلَ، فاشتَكَيْنا ذلك إلى النبيِّ صلَّى اللهُ عليهِ وسلَّم، فجاء فأخذ المِعْوَلَ فقال: بسمِ اللهِ، فضرب ضربةً فكسر ثُلُثَها، وقال: اللهُ أكبرُ أُعْطِيتُ مَفاتيحَ الشامِ، واللهِ إني لَأُبْصِرُ قصورَها الحُمْرَ الساعةَ، ثم ضرب الثانيةَ فقطع الثلُثَ الآخَرَ فقال: اللهُ أكبرُ، أُعْطِيتُ مفاتيحَ فارسٍ، واللهِ إني لَأُبْصِرُ قصرَ المدائنِ أبيضَ، ثم ضرب الثالثةَ وقال: بسمِ اللهِ، فقطع بَقِيَّةَ الحَجَرِ فقال: اللهُ أكبرُ أُعْطِيتُ مَفاتيحَ اليَمَنِ، واللهِ إني لَأُبْصِرُ أبوابَ صنعاءَ من مكاني هذا الساعةَ[3] – މާނައަކީ ރަސޫލާ صلى الله عليه وسلم އަހުރެމެންނަށް ޚަންދަޤު ކޮންނަން އަމުރުކުރެއްވުމުން ޚަންދަޤު ކޮނުނުއިރު ބޮޑު ވަރުގަދަ ހިލަގަނޑަކާ ކުރިމަތިލާންޖެހުނެވެ. އަހުރެމެންގެ ކޯރާޑިތަކުން އޭތި ގުޑައެއް ނުލިއެވެ. އެކަމުގެ ޝަކްވާ ނަބިއްޔާ صلى الله عليه وسلم އަރިހުގައި ކުރުމުން އެކަލޭގެފާނު ކޯރާޑި ހިއްޕަވައިގެން ވަޑައިގެން ބިސްމިﷲ އޭ ވިދާޅުވެ ޖެއްސެވިއެވެ. އެހިނދު އޭގެ ތިން ބައި ކުޅަ އެއްބައި ކުދިކުދިވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. اللهُ أكبرُ! ޝާމުކަރައިގެ ތަޅުދަނޑިތައް ތިމަންކަލޭގެފާނަށް އެރުވިއްޖެއެވެ. މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. މި ވަގުތު ތިމަންކަލޭގެފާނަށް އެ ކަރައިގެ ރަތް ގަނޑުވަރުތައް އެބަ ފެނިވަޑައިގަންނަވައެވެ. އެއަށްފަހު އެކަލޭގެފާނު ދެވަނަފަހަރަށް އެ ހިލަގަނޑުގައި ޖެއްސެވިއެވެ. ފަހެ އެ ފަހަރު އެއިގެ އަނެއް ތިންބައިކުޅަ އެއްބައި ކުދިކުދިވެގެންދިޔައެވެ. އެހިނދު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. اللهُ أكبرُ! ފާރިސްކަރައިގެ ތަޅުދަނޑިތައް ތިމަންކަލޭގެފާނަށް އެރުވިއްޖެއެވެ. މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. މި ވަގުތު ތިމަންކަލޭގެފާނަށް މަދާއިނުގެ ހުދު ގަނޑުވަރުތައް އެބަ ފެނިވަޑައިގަންނަވައެވެ. ދެން ތިންވަނަފަހަރަށް މި ހިލަގަނޑުގައި ޖެއްސެވިއެވެ. އެހިނދު މި ހިލަގަނޑުގެ ބާކީ އޮތް ބައި ކުދިކުދިވެގެންދިޔައެވެ. ފަހެ،އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. اللهُ أكبرُ! ޔަމަނުކަރައިގެ ތަޅުދަނޑިތައް ތިމަންކަލޭގެފާނަށް އެރުވިއްޖެއެވެ. މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. މި ވަގުތު ތިމަންކަލޭގެފާނަށް ޞަންޢާގެ ދޮރޯށިތައް އެބަ ފެނިވަޑައިގަންނަވައެވެ.)) އަޙްޒާބު ހަނގުރާމައިގައި މާތްﷲ އެކަލާނގެ ރަސޫލާއަށާއި މުސްލިމުންނަށް ނަޞްރުދެއްވިއެވެ. އަދި ރަސޫލާ صلى الله عليه وسلم ދެއްވި ބިޝާރަތު މުސްލިމުންނަށް ޙާޞިލުވެގެންދިޔައެވެ.
ނަބީބޭކަލުންގެ މަންހަޖު: އުންމީދު
ހެޔޮފާލާއި އުންމީދަކީ ނަބީބޭކަލުންގެ މަންހަޖެވެ. އުންމީދަކީ ޙަޔާތުގެ މަގަށް އަލިކޮށްދޭ ނިބްރާސެވެ. އެއީ މުޞީބާތްތަކުގެ ބިންގަރާސްތަކުން ބޭރަށް ނުކުތުމަށް ބޭނުންވާ އަލިކަމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((قَالَ مُوسَىٰ لِقَوْمِهِ اسْتَعِينُوا بِاللَّهِ وَاصْبِرُوا ۖ إِنَّ الْأَرْضَ لِلَّهِ يُورِثُهَا مَن يَشَاءُ مِنْ عِبَادِهِ ۖ وَالْعَاقِبَةُ لِلْمُتَّقِينَ [4] – موسى ގެފާނު، އެކަލޭގެފާނުގެ قومގެ މީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން، اللَّه ގެ حضرة ން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން ملك ވެގެންވަނީ اللَّه އަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، تقوى ވެރިންނަށެވެ.)) ﷲ ތައާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ.((حَتَّىٰ إِذَا اسْتَيْأَسَ الرُّسُلُ وَظَنُّوا أَنَّهُمْ قَدْ كُذِبُوا جَاءَهُمْ نَصْرُنَا فَنُجِّيَ مَن نَّشَاءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ الْقَوْمِ الْمُجْرِمِينَ[5] – (މެދުވެރިވާ ދުއްތުރާތަކުގެ ސަބަބުން) رسول ންގެ أميد ކެނޑި، އެބޭކަލުން ދޮގުކުރެވުނީކަމަށް އެބޭކަލުންނަށް ހީވެދާހިނދު، ތިމަންރަސްކަލާނގެ نصر، އެބޭކަލުންނަށް އަތުވެދެއެވެ. ފަހެ، ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު ސަލާމަތްކުރައްވަމެވެ. އަދި ކުށްވެރިވި މީހުންގެ ކިބައިން، ތިމަންރަސްކަލާނގެ عذاب އަނބުރާ ރައްދުނުކުރެވޭ ހުށްޓެވެ.)
އެއީ ނާޒުކު ވަގުތުކޮޅެކެވެ. އެއީ ބާޠިލު ފުފިއަރައި ވަގުތެވެ. ޙައްދުފަހަނަޅައިދާ ވަގުތެވެ. ޝައިޠާނާގެ މަކަރާއި ޙީލަތުގެ ދަންތުރައިގައި މީސްތަކުން ޖެހި ގެއްލިދާ ވަގުތެވެ. ރަސޫލުބޭކަލުން ﷲގެ ވަޢުދުފުޅަށް އިންތިޒާރު ކުރައްވާ ވަގުތެވެ. މީސްތަކުން އެބޭކަލުން ދޮގުކޮށްފިކަމުގެ އިޙްސާސްކުރެއްވޭ ވަގުތެވެ. މި ޙަޔާތުގައި ނަޞްރަށް ބޭނުންފުޅުވެ އެކަމަށް އެދިވަޑައިގަންނަވާ ވަގުތެވެ. މި ވަގުތު ﷲގެ ނަޞްރު އާދެތެވެ. އެއީ ފުރިހަމަ ނަޞްރެވެ. ކަންކަން އެ ހިސާބުން ނިމިގެންދާ ނަޞްރެވެ.
އަޖައިބުވަނިވި މިންބަރު
ﷲގެ ބަރަކާތާއި އިލްހާމު ލިބިވަޑައިގެން ހުންނެވި އިސްލާމީ ބޮޑު އިސްވާރު ނޫރުއްދީން މަޙްމޫދު ޒިންކީ ހިންގަވާފައިވަނީ ބޮޑުންގެ މަންހަޖާ އެއްގޮތަށެވެ. އެ ބޭބޭކަލުންގެ ފިޔަވަޅުފުޅުތަކަށް ބައްލަވައިގެންނެވެ. ހެޔޮފާލުވެރިކަމާއި އުންމީދު ކުރައްސަވަމުން ގެންދަވައިފައިވަނީ ނޫރާނީ އަކުރުތަކުންނެވެ. އޭނާގެ ސީރަތުގައި އައިސްފައިވާ ގޮތުގައި ފަރަންޖީންނާއި ޞަލީބީންގެ ވަކިތަކުން އަޤްޞާ މިސްކިތް ސަލާމަތްކުރެއްވުމަށްޓަކައި ޢަޒްމުކަނޑައަޅުއްވައިގެން އިސްލާމީ ލަޝްކަރު ތައްޔާރުކުރައްވަމުން ދިޔައިރު ކުޅަދާނަ ތަޖްރިބާކާރު މާވަޑިން ގެންނަވައި ވިދާޅުވިއެވެ. "މާތްﷲގެ އިރާދަފުޅާއެކު ބައިތުލްމަޤްދިސް ފަތަޙަކުރުމަށްފަހު އަލްމަސްޖިދުލް އަޤްޞާގައި ޚުޠުބާ ދިނުމަށްޓަކައި އަރައި ހުންނާނެ މިންބަރެއް ތިޔަބައިމީހުން މަށަށް ހަދައިދޭށެވެ."
ވަޑީންނަށް މި މިންބަރު ހަދައިދެވުނީ އަށެއްކަ އަހަރުންނެވެ. އެމީހުން އިސްލާމީ އެހެން ރަށެއްގައި ނެތް ފަދަ ފަންނުވެރި މޮޅު މިންބަރެއް ހެދިއެވެ. އެހެނަސް ނޫރުއްދީން ޒިންކީއަށް މި ފުރްޞަތު ލިބިވަޑައެއް ނުގެންނެވިއެވެ. އޭގެ ކުރިން އޭނާ ދުނިޔެ ދޫކުރައްވައިފިއެވެ. އޭނާގެ ފަހުން ވެރިކަމާ ޙަވާލުވަޑައިގަތީ އިސްލާމީ ފަހުލަވާނު ޞަލާޙުއްދީނުލް އައްޔޫބީއެވެ.
މި މިންބަރު ހެދުމާ ބައިތުލްމަޤްދިސް ފަތަޙަކުރުމާ ދެމެދުގައި ވިހި އަހަރު ފާއިތުވެފައިވެއެވެ. މި ރަށް ފަތަޙަކުރައްވައި ޞަލީބީން އަތުން މިނިވަންކުރެއްވުމަށްފަހު ކުރެއްވި ފުރަތަމަ ހުކުރު އަޤްޞާ މިސްކިތުގައި ކުރެއްވީ 4 ޝަޢުބާން 583 ވަނަ އަހަރުގައެވެ. މިއީ 90 އަހަރަށް ފަހު ކުރެވުނު ފުރަތަމަ ހުކުރެވެ. އެ ދުވަހު ހުކުރުކުރެއްވި އިމާމަކީ މުޙްޔިއްދީން ބިން ޒަކިއްޔުއްދީނެވެ. އޭނާ ހުކުރު ޚުޠުބާ ފެށްޓެވީ މި އާޔަތުންނެވެ. ((فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ [6]– މާނައީ: ދެން އަނިޔާވެރިވީ މީހުންގެ އެންމެފަހު މީހާއަށްދާނދެން ނެތި ކުރެއްވިއެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.)
– މި އުޖާލާ ޞަފްޙާ ހުޅުވައިލެވުނީ މާޔޫސްކަމުގެ ގޮނޑުން ދިއްލުނު އަލިކޮޅުންނެވެ. އެތަނުން ދަސްވި ފިލާވަޅަކީ އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ބިޔަ ބިނާއެއް ކަމެވެ. މި ބިނާގައި ރެނދު އެޅިޔަދީގެންނުވާނެއެވެ. މި ބިނާގެ ތަނބުތަކުން ތަނބެއް ބިންދާލައިގެން ނުވާނެއެވެ.
– މާޔޫސްކަމާއި ނާއުންމީދުން ނޮޅާލައިފައިވާ ބަޔަކަށް ހެވެއް ލިބޭނީ ﷲ ތަޢާލާއަށް އިތުބާރުކުރުމުގެ ފާރުތަކުން ދަފަރާވެވިގެންނެވެ. ގެއްލިފައިވާ ޢިއްޒަތެއް އިޢާދަކޮށްދޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ.
– ދީނަށް ޓަކައި މަސައްކަތްކުރާ މީހުންގެ ބަސްކޮށާރުން މާޔޫސްކަން ފުހެލަންޖެހޭނެއެވެ. އިންޖީނުގެ ބަސްފޮތުން ކަންނެތްކަމުގެ ތެޔޮ ނައްތައިލަން ޖެހޭނެއެވެ. އިސްވާރުންގެ ވިސްނުމުން ނާއުއްމީދު ބޭރަށްލާން ޖެހޭނެއެވެ.ނަޞްރު އަންނާނީ ނާޒުކު ނުކުތާއާ ހަމައިންނެވެ. އެންމެ ނިކަމެތި ނުކުތާއަކީ އެންމެ ބާރުގަދަ ނުކުތާކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! ((ތިބާގެ މޫނު އުޑާ ދިމާއަށް ކުރިމަތިކުރާށެވެ!))
ޙަވާލާ:
[1] – މުޙައްމަދު އަޙްމަދުއްރާޝިދު، އަލްޢަވާއިޤު : ޞ : 279
[2] – އިބްނުލް ޤައްޔިމު، އިޣާޘަތުއް ލަހްފާނި މިން މަޞާއިދިއް ޝައިޠާނި ، ( 2/ 266 )
[3] – فتح الباري لابن حجر ٤٥٨/٧ • إسناده حسن • أخرجه النسائي في ((السنن الكبرى)) (٨٨٥٨)، والروياني في ((المسند)) (٤١٠)، والبيهقي في ((دلائل النبوة)) (٣/٤٢١)
[4] – الأعراف: 128
[5] – يوسف: 110
[6] – الأنعام: 45