ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިޔާ ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އޭޖީ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވާގޮތުން އުޝާމް ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވާފައެވެ. އަދި އެ ބައްދަލުވުމުގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އުޝާމް ދެއްވި ކަމަށް އެ އޮފީހުން ބުނެއެވެ.
އެ ބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވާފައި. ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު… pic.twitter.com/h7MG2KYcbS
— AG Office Maldives (@AGOmv) November 17, 2024
އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލުގައިވާ ގޮތުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ޚިލާފުވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެ އެވެ.
މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ.
ބިލުގައި ވާގޮތުން، މި ބިލު ގާނޫނަކަށްވެގެން ޢަމަލުކުރަން ފެށުމާއެކު އެމްއެމްސީ އާއި ބްރޯޑް ކޮމް އުވިގެންދާނެއެވެ. އަދި އާ ޤާނޫނާއެކު ވުޖޫދުވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ 7 މެންބަރުންނެވެ. އޭގެ ތެރެއިން 4 މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އަނެއް ތިން މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ. އެހެންނަމަވެސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބިލުގައި ބުނީ ކޮމިޝަން އެކުލަވާލައި މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން, ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށެވެ.