ރައްޔިތުންގެ ފައިސާއިން ވައްކަންކުރާއިރު ރައްޔިތުން އިންތިޚާބުކުރި މެންބަރުން ތިބީ މަންމަނު ވެފައި: ޢައްބާސް

ރައްޔިތުންގެ ފައިސާއިން ވައްކަންކުރާއިރު ރައްޔިތުން އިންތިޚާބުކުރި މެންބަރުން ތިބީ މަންމަނު ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޢައްބާސް ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއް ނެތި ބޮޑެތި ވައްކަންތައް ކުރަމިން ދާއިރު ރައްޔިތުން އިންތިޚާބުކުރި މެންބަރުން ތިބީ މަންމަނު ވެފައި ކަމަށާއި، އެއީ ގައުމަށް ގައްދާރުވުންކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ބައިވެރިއެއްކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ނައިބު ރައީސްގެ މަޤާމުގައިވެސް ހުންނެވި ޢައްބާސް ކުރެއްވި ޕޯސްޓްގައި ވަނީ ރައީސް މުޢިއްޒަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ ބަނޑަށްޖެހޭނެ ހުރިހާކަމެއް ކުރައްވައިފިކަމަށާއި، ވިޔަފާރިވެރިންވެސް އިނދަޖައްސާލައިފިކަމަށް ވަނީ ވިދާޅުވެފައެވެ.

މި ޕޯސްޓްގެ އިތުރުންވެސް ވަރަށް ގިނަ ޕޯސްޓްތައް ޢައްބާސްވަނީ އެކްސްގައި ކުރައްވާފައެވެ. ހުރިހާ ޕޯސްޓެއްވެސް ކުރައްވާފައިވަނީ ސަރުކާރަށް ފާޑުވިދާޅުވުމުގެ ގޮތުންނެވެ.

އެގޮތުން ކުރައްވާފައިވާ ޕޯސްޓެއްގައި ސިޔާސީ މަގާމު ތަކުގައި ތިބި 248 މީހުން ވަޒީފާއިން ވަކި ކުރަން ނިންމެވިކަން އިޢްލާންކުރުމަށްފަހު އެކަންވެސް ނުކުރައްވާކަމަށާއި، ދަޢުލަތައް ލިބޭހާ ހުރިހާ ފައިސާއެއް ހޭދަކުރައްވަނީ ސިޔާސީ މީހުންނަށް މުސާރަދިނުމަށްކަމަށް ވަނީ ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!