ރިޔާސީ އިންތިޚާބަށްފަހު ރައީސް ޔާމީން ގެޔަށް ބަދަލުކުރެއްވުމަށް ޑރ މުޢިއްޒު އެދިވަޑައިނުގަންނަވާ ކަމަށާއި، ޔާމީން ގެޔަށް ބަދަލުކުރެއްވީ މުއިއްޒު އެދިވަޑައިގެންނޫންކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޞާލިޙު ވިދާޅުވީ ރިޔާސީ އިންތިހާބު ޑރ.މުއިއްޒު ކާމިޔާބު ކުރެއްވުމުން މަރުހަބާ ކިޔުއްވުމަށްވެސް ގުޅުއްވި ކަމަށާއި އެ ފޯނު ކޯލުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި އޭގެފަހުން އިންތިޚާބީ ރައީސާ ބައްދަލުކުރެއްވުމުގެ ގޮތުން މުޢިއްޒުއާ ބައްދަލުކުރެއްވިކަމަށާއި، އެ ބައްދަލުވުމުގައިވެސް ޔާމީން މިނިވަންކުރުމާގުޅޭ އެއްވެސް ވާހަކައެއް މުއިއްޒު ނުދައްކަވާ ކަަމަށް ޞާލިޙު ވިދާޅުވިއެވެ.
ޞާލިޙު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާ ވާހަކަ މުޢިއްޒާ ޙިއްސާކުރެއްވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ. އަދި އެވާހަކަ ދެންނެވުމުން އެބޭފުޅުންނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިވަޑައިގަތްކަމަށެވެ.
އެ ޕްރޮގްރާމްގައި ރައީސް ޞާލިޙު ތަކުރާރުކޮށް ވިދާޅުވީ، ޔާމީން މާލެއަށް ބަދަލުކުރެއްވީ އެއްވެސް ޙާލެއްގައި މުޢިއްޒު ނުވަތަ ޢަބްދުއްރަޙީމް އެދިވަޑައިގެން ނޫންކަމަށެވެ.
ރައީސް މުޢިއްޒު ކާމިޔާބު ކުރެއްވި ރިޔާސީ އިންތިޚާބުގައި، ޕީއެންސީގެ ފަރާތުން މުޢިއްޒު ވާދަކުރެއްވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ރައީސް ޔާމީނަށް ހުންނެވުމުންނެވެ. އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ގެއްލުމުން، ރައީސް ޔާމިން ޖަލުން ގެއަށް ބަދަލުކުރެއްވިއެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް އިއްވި ޖަލު ޙުކުމް ހައިކޯޓުން މިހާރު ވަނީ ބާޠިލްކޮށްފައެވެ. އަދި އަލުން އެމައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.