ކުއްލި ޚަބަރު

ޑޮލަރު މާރު ކުރަންޖެހޭ ގަވައިދު ބަދަލު ނުކުރާނަން: ރައީސް ޑރ. މުއިއްޒު

ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށާއި އެ ގަވައިދަށް އަމަލު ކުރައްވަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ގަވައިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އެކަން އެގޮތަށް ނުކުރާނެ ކަމަށް ސަރުކާރަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެމްއޭ އިން އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން، މި ފިޔަވަޅުތައް އެޅީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުންނެވެ.

އޭގައިވާ ގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.

އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް ވެސް އެމްއެމްއޭގެ ގަވައިދުގައި ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!