20 ވަނަ ރައްޔިތުންގެ މަޖިލީސް. ފޮޓޯ: މަޖިލީސް އިދާރާ

ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލަން މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ތިބި ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކޮށްފި މެންބަރަކު އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރެއްގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދީފި ނަމަ، ހަތް ދުވަހުގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.

އަދި އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭންޖެހޭއިރު، ސިޔާސީ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފި ނަމަވެސް އިސްތިއުފާ ދޭންޖެހެ އެވެ. ނަމަވެސް ޕާޓީއަކުން ވަކިކޮށްފި ނަމަ ވަކި ކުރީ ރަނގަޅަށްތޯ ބަލަން ކޯޓަށް ދިޔުމުގެ އިހުތިޔާރު މެންބަރަށް ލިބެ އެވެ.

އެ ގާނޫނުގެ ދަށުން، އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ވެސް ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ އެ މައްސަލަ ހުށަހެޅީ، ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހެޅުމަކީ ގާނޫނު އަސާސީގެ ބާރު ހިނގާ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ކަމަށެވެ.

ޕާޓީ ބަދަލު ނުކުރެވޭ އިސްލާޙަކީ ގާނޫނު އަސާސީ އާ ޚިލާފު އިސްލާހެއް ކަމަށް މި ބިލް މަޖިލީހަށް ހުށަހެޅުމުންވެސް ގިނަ ބަޔަކު އައީ ބުނަމުންކަން ފާހަގަ ކޮށްލެވެއެވެ.

advertisement
ހިޔާލު ދެއްވާ!