ރައީސް ޑރ. މުހައްމަދު މުއިއްޒު ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ޤަވައިދު ބަދަލު ނުކުރައްވާނެ ކަމަށާއި އެ ޤަވައިދަށް އަމަލު ކުރައްވަން ޖެހޭނެ ކަމަށް ރޭ ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫރާފު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ފާޑު ވިދާޅުވެއްޖެއެވެ.
ވައްޑެ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އާ ދެކޮޅަށް ވެސް ވަރަށް ގަދަ ބަސް ވިދާޅުވި ކަމަށާއި ދެން ފަހުން ކަންކަން ހިނގައި ދިޔަ ގޮތް ވެސް ރައްޔިތުންނަށް ފެނިގެން ހިނގައްޖެ ކަމަށެވެ.
"ވަރަށް ގަދަބަސް ވިދާޅުވި އިންޑިޔާއާ ދެކޮޅަށްވެސް، ފަހުން ވީގޮތް އެންމެނަށްވެސް ފެނުނު" ވައްޑެ
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ގަވައިދަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި އޮތް ގަވައިދެއް ކަމަށެވެ. އެ ގަވައިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެމްއޭ އިން އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން، މި ފިޔަވަޅުތައް އެޅީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުންނެވެ.
އޭގައިވާ ގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.
އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް ވެސް އެމްއެމްއޭގެ ގަވައިދުގައި ބުނެފައިވެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އެކަން އެގޮތަށް ނުކުރާނެ ކަމަށް ސަރުކާރަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.