ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާތީ އެކަން ސަރުކާރުން ދޮގުކޮށްފިއެވެ.
ސަރުކާރުގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވީ " އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
އެކްސްގައި މީހަކު ކުރި ޓްވީޓެއްގައި ބުނީ އެމްއެމްއޭއިން ޑޮލަރު މާރުކުރުމަށް ހެދި ގަވާއިދަށް ބަދަލު ގެނެސް "އެމްއެމްއޭ އިން ދަނީ އެމްޑީޕީގެ ސަރުކާރުން ހުށަހެޅުއްވި ފަދައިން “ފިކްސްޑް 500 ޔޫއެސްޑީ” އިން “ޕަސެންޓޭޖް ބެސްޓް އޮން ރެވިއު މޮޑެލް” އަށް ބަދަލު ކުރަން ވިސްނަމުން ކަމަށެވެ.
އެމްއެމްއޭ އިން އާންމުކުރި އާ ގަވާއިދުގައިވާ ގޮތުން، މި ފިޔަވަޅުތައް އެޅީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުންނެވެ.
އޭގައިވާ ގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.
އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް ވެސް އެމްއެމްއޭގެ ގަވައިދުގައި ބުނެފައިވެއެވެ.