"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފޭސްގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ނިންމުމަށް ހަދަން ހަވާލުކޮށްފައިވަނީ ހުރިހާ ކަމެއް ނިންމާގޮތަކަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުން އަންނަ ފްލެޓްތައް ހަދަން ހަވާލުކޮށްފައިވަނީ ހުރިހާ ކަމެއް ނިމޭ ގޮތަށް ނޫން ކަމަށާއި އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ ޚިދްމަތް ގުޅުމަށާއި އެތަނުގެ ސެކިއުރިޓީއަށް އިތުރު 30 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އަދި ހަމަޖެހިފައިނުވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ގެދޮރުވެރިޔާ" ސްކީމަކީ ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ރައީސް ޞާލިޙުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރު ވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.
އަދި މި ސަރުކާރަށް 52 ހަފްތާ ފުރި، އުފާފާޅުކުރުމުގެ ޙަފްލާ ބާއްވާފައިވާއިރު، "ގެދޮރުވެރިޔާ" ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމަށް އެކި ތާރީޚުތައް ދަނީ ދެމުންނެވެ. އެންމެ ފަހުން ދިން ތާރީޚުކަމަށްވާ 16 ނޮވެމްބަރުގައިވެސް ލިސްޓް ޢާންމުނުކުރެއެވެ. އެދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ވަކި ތާރީޚެއް ނެތްގޮތަށް ލިސްޓް ނެރުން ފަސްކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ ފްލެޓްތަކަށް ޚަރަދުކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ހޯދާފައިވާ 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) އެވެ. އެ ގޮތުން އެ ސްކީމްގެ ދަށުން 4،000 ފްލެޓު ހިމެނޭ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާއެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ އެންބީސީސީއާއެވެ. މި ދެ ކުންފުންޏަކީވެސް އިންޑިއާގެ ދެ ކުންފުންޏެވެ.