ސަރުކާރުގެ އަމާޒެއް ނެތްކަމަށާއި، ސިޔާސަތެއްވެސް ނެތްކަމަށާއި، އުއްމީދެއްވެސް ނެތްކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި ކުރެއްވާފައިވާ ޕޯސްޓްތަކެއްގައި ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝާހިދު ވަނީ ޕީއެންސީ ސަރުކާރަށް އެއް އަހަރުވީއިރު ރައްޔިތުން ތިބީ ކަންބޮޑުވުމާ ހާސްކަމުގައި ކަމަށާއި، ސަރުކާރުގެ އަމާޒެއް ނެތްކަމަށާއި، ސިޔާސަތެއްވެސް ނެތްކަމަށާއި، އުއްމީދެއްވެސް ނެތްކަމަށް ވިދާޅުވެފައެވެ.
"ޕީއެންސީ ސަރުކާރަށް އެއް އަހަރުވީއިރު ރައްޔިތުން ތިބީ ކަންބޮޑުވުމާ ހާސްކަމުގައި. ސަރުކާރުގެ އަމާޒެއް ނެތް. ސިޔާސަތެއް ނެތް. އުއްމީދެއް ނެތް" ޝާހިދުގެ ޕޯސްޓުގައި ވެއެވެ.
ޝާހިދު ކުރައްވާފައިވާ އެހެން ޕޯސްޓެއްގައި ރައީސް މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުނުއިރު ދިވެހިންނަށް ވީ ފައިދާއަކީ ކޮބައިތޯ ވަނީ ސުވާލުކުރައްވާފައެވެ. އެގޮތުން ދިވެހިންނަށް ހައްޤު މިންވަރަކީ ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓި، ބުރަކޮށް މަސައްކަތްކުރާ މަސްވެރިންނަށް ފައިސާ ދެއްކުން ލަސްވެ، ޑޮލަރުގެ ރޭޓް ފަތުއަޑުކިޔާފައި އަރައިގެންދިޔުމާއި، ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދައި ނުދެވުންތޯ ވަނީ އައްސަވާފައެވެ.
One year into President @MMuizzu’s tenure, and what have Maldivians gained? Stalled PSIP projects, delayed payments to hardworking fishermen, skyrocketing dollar rates, rising living costs, and unfulfilled housing promises. Job security feels more fragile than ever, the free…
— Abdulla Shahid (@abdulla_shahid) November 17, 2024
ޝާހިދު އިތުރަށް ވިދާޅުވީ ވަޒީފާގެ ޔަޤީންކަމެއް މިހާރު ނެތްކަމަށާއި، މިނިވަން ނޫސްވެރިކަމެއް އަމުދުން ކުރެވެން ނެތްކަމަށާއި، ބޭރު ފައިސާގެ ޤަވާޢިދުތަކަށް އަވަސްއަވަހަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިވެހި އިޤްތިޞާދުގެ ހިތްކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ދިވެހިންނަކީ ބުރަކޮށް މަސައްކަތް ކުރާ ބައެއްކަމަށާއި، ދިރިއުޅުމަށް ފަހި ފުރުޞަތުތަކާއި، ކުރިއެރުން ޙައްޤުކަމަށް ވިދާޅުވެފައެވެ. އަދި ބޭކާރު ވާހަކައާއި ބަހަނާދެއްކުން ހުއްޓާލުމަށްވެސް ޝާހިދުގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ.
ޝާހިދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ޙައްޤުގައި ތެދުވާންވީ ވަގުތުކަމަށާއި، ފެއިލްވެފައިވާ މި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.