ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދަނީ ގޯއްޗާއި ފްލެޓް ލިބުނު ހައްގު ވެރިންނަށް އެތަންތަން ނުދޭން އެކިއެކި އުޒުރުތައް ދައްކަމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބޯހިޔާވަހިކަން ނެތް ދިވެހި ރައްޔިތުންނަށް ދިނުމަށް 4000 ފްލެޓްގެ މަސައްކަތް ފަށައިފައެވެ. އަދި މާލެއަށް ނިސްބަތްވާ މީހުންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެފައިވާ މީހުންނަށް ގޯތިވެސް ދޫކޮށްފައެވެ. މިސަރުކާރު ވެރިކަމާ ހަވާލުވެ ބައެއް ގޯތިތައް ހަވާލުކޮށްފައިވާއިރު އަދި ބައެއް ގޯތިތައް ހުރީ މޫދުގައެވެ. މީގެ އިތުރުން ފްލެޓް ލިސްޓުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ފްލެޓް ލިސްޓު އަލުން ޗެކްކޮށް ހައްގުވެރިންނަށް ދީފައިވޭތޯ ބަލަމުންދާ ކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން ސަރުކާރަށް އަހަރެއް ފުރިފައިވާއިރު އަދިވެސް ފްލެޓް ލިސްޓް އާންމު ނުކުރެއެވެ. ފްލެޓް ލިސްޓު އާންމު ކުރުމަށް އެކި ތާރީޚްތައް ދީފައި ވީނަމަވެސް އަދިވެސް ލިސްޓް އާންމު ކޮށްފައި ނުވާތީ ގިނަ ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މިކަމަށް އިޝާރާތްކޮށް އާޒިމް މީސް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯހިޔާވަހި ކަމަކީ އިންސާނާ ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ހައްޤެއް ކަމަށެވެ. އެމްޑިޕީ ސަރުކާރުގައި މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭން ވަނީ މަސައްކަތް ފަށައި ކުރިއަށް ގެންގޮއްސްފައި ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ހަމަޖައްސައި ދީފައިވާ، ފްލެޓުތަކާއި ކަނޑާދީފައިވާ ގޯތިތައް އަދިވެސް ހައްޤުވެރިންނާއި ހަވާލު ނުކުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މިހާރުގެ ސަރުކާރުން މިދަނީ މިކަން ނުކުރާންވެގެން، އެކިއެކި އުޒުރުތައް ދައްކަމުން. ރައްޔިތު މީހާއަށް ދިނުމަށް ނިންމާފައި ހުރި ފުލެޓާއި ގޯތިތައް ހައްޤުވެރިންނަށް، ހަވާލު ކުރަމަކީ ސަރުކާރަށް ލާޒިމުކަމެއްކަން މުޅި ޤައުމު ޤަބޫލުކުރޭ! މާލޭ ރައްޔިތުންގެ ހައްޤު ނިގުޅައިގަނެގެން، ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ. ގޯއްޗާއި ފްލެޓް މާލޭގެ ރައްޔިތުންނަށް ހަވާލުކޮށް މިމަސައްކަތް މިއަހަރު ހުސްވުމުގެ ކުރިން ނިންމައި ދިނުމަށް ސަރުކާރަށް ގޮވާލަން." މޭޔަރު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ކުރިޔަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފަށާފައިވާ ފްލެޓްތަކުގެ މައްސަލަގައި ރައްޔިތުންގެ މަޖިލީހުގައި ވަނީ ބަހުޘް ކޮށްފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުން އަންނަ ފްލެޓްތައް ހަދަން ހަވާލުކޮށްފައިވަނީ ހުރިހާ ކަމެއް ނިމޭ ގޮތަށް ނޫން ކަމަށާއި އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ ޚިދްމަތް ގުޅުމަށާއި އެތަނުގެ ސެކިއުރިޓީއަށް އިތުރު 30 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އަދި ހަމަޖެހިފައިނުވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.