އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޚަރަދު ކުރަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތަފްސީލް ނުހިމަނަނީސް ބަޖެޓަށް ވޯޓް ނުދެއްވަން މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް ނިންމަވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ދައުލަތުގެ ބަޖެޓަށް ބަހުޘް ކުރައްވަމުން ސިޔާމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުށަހަޅާނެ ބަޖެޓެއް ނޫން ކަމަށެވެ. އެގޮތުން ވަކި ވަކި ދާއިރާތަކަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ޚަރަދު ކުރަނީ ކޮންކޮން ކަންކަމަކަށް ކަން ނޭނގޭ ގޮތަށް ހުށަހަޅާފައި ވުމުން ވަޒީރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
މަޖިލީހުގައި ވީ 21 އަހަރު ތެރޭގައި މިއީ ތަފްސީލެއް ނެތް ގޮތަށް މަޖިލީހަށް ސަރުކާރަކުން ހުށަހެޅި ފުރަތަމަ ބަޖެޓް ކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ އެއްވެސް ރަށަކަށް މިސަރުކާރުން ކުރާނެ ކަންކަމުގެ ނުވަތަ ތަރައްގީގެ އެއްވެސް ތަފްސީލެއް ބަޖެޓުން ފެންނާކަށް ނެތް ކަމަށެވެ.
ސިޔާމް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއްކަމަކީ ޓްރާންސްޕޭރެންޓްކޮށް ކަންކަން ކުރުން ކަމަށް ވާއިރު، މިއަހަރުގެ ބަޖެޓުން އެކަން ފެންނަން ނެތް ކަމަށެވެ.
"ރައްޔިތުން މިއަދު ބޭނުވޭ ކުރާކަންތައްތައް އެނގެން، މާދަމާ ވާނީ ކިހިނެއް ކަމެއްވެސް އެނގެން އެބަބޭނުންވޭ، އަޅުގަނޑުމެން ހެނދުނު ހޭލާއިރުގައި ސަޕްރައިޒެއް ވާކަށް ކޮންމެ ދުވަހަކު ބޭނުމެއް ނުވޭ، އެހެންވީމާ އަޅުގަނޑުމެން އެބަ ބޭނުންވޭ ބުނަން ޖެހޭ އަޅުގަނޑުމެންގެ ތައުލީމަށް ޚަރަދު ކުރަނީ މިވެނި ބިލިޔަނެއް، 7 ބިލިއަން ނޫނީ 8 ބިލިއަން ޑޮލަރޭ، މިއީ ތައުލީމީ ކޮން ދާއިރާއެއްކަން" ސިޔާމް ވިދާޅުވިއެވެ.
ވާނުވާ ނޭނގޭ ބަޖެޓަކަށް ބަހުޘްކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.
މީކީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން، އަދި އެއްވެސް ކުންފުންޏަކުންވެސް ބަޖެޓް ހުށަހަޅާނެ ގޮތެއް ނޫން، ވިޔަފާރިއާ ވަރަށް ދުރު ވިސްނުމެއްގައި އަދި ޑިމޮކްރަސީއާ ޓްރާންސް ޕޭރެންސީއާ ވަރަށް ދުރު ވިސްނުމެއްގައި ހުށަހަޅުއްވާފައިވާ ބަޖެޓެއްކަމުގައި އަޅުގަނޑު ދެކެން" ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ އިތުރުން މި ކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މެމްބަރުންވެސް ކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.