ނިމިދިޔަ އަހަރުގެ ބަޖެޓުގައި ބޭރުގެ އެމްބަސީތަކަށް ކަނޑައެޅި އަދަދަށްވުރެ، މިއަހަރުގެ ބަޖެޓުގައި ހިމެނި އަދަދު އޭގެ ދެގުނަ ބޮޑު ކަމަށާއި ފައިދާ ނުވާ އެމްބަސީތަކަށް ދައުލަތުން ކުރަމުން އަންނަ ޚަރަދު ހުއްޓާލުމަށް މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ސިޔާމް ގޮވާލައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ބަހުޘްގައި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަހުޘް ކުރައްވަމުން ސިޔާމް ވިދާޅުވީ ރާއްޖެ އޮތް ހާލަތުން އަރައިގަތުމަށް ޚަރަދު އިންސާފުވެރިކޮށް ކުރުމަށާއި ޚަރަދު ކުޑަކުރަން ޖެހޭ ކަމަށެވެ.
ސިޔާމް ވިދާޅުވީ މިބަޖެޓްގަ ބަލާލާއިރު ފޮރިން މިނިސްޓްރީއަށް 2024 ވަނަ އަހަރުގެ ބަޖެޓަށްވުރެ 40 ޕަސެންޓް ގުނަވެފައިވާ ކަމަށާއި، ސިންގަޕޫރުގަ ހުންނަ އެމްބަސީއަށް ޚަރަދު ކުރުމަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި ބެންކޮކްގަ ހުންނަ އެމްބަސީއަށް ޚަރަދުކުރަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބަޖެޓުގައި ހިމަނާފައިވާއިރު، ދުބާއީގަ ހުންނަ އެމްބަސީއަށް އެތައް ރުފިޔާއެއް ބަޖެޓްކޮށްފައިވާކަން ސިޔާމް ފާހަގަ ކުރެއްވިއެވެ.
"ދުނިޔޭގެ އެކި ގައުމުތަކުގެ އެމްބަސީ ހުޅުވާ ވާކަމެއް ނެތް ހަރާން، ކީއްކުރަންތޯ މިހުރިހާ ފައިސާއެއް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެކި އެކި އެމްބަސީތަކަށް މިއަހަރުގެ ބަޖެޓުގައި މިދިޔަ އަހަރާ އަޅާބަލާއިރު 40 ފަސެންޓު އިތުރު އަދަދެއް ހިމަނާފައިވާއިރު މި ގައުމު ތަކުން ރާއްޖެއަށް ވާފައިދާ އެއް ނެތް ކަމަށެވެ.
"މިދިޔަ އަހަރުގެ ބަޖެޓަށްވުރެ 40 ޕަސެންޓް އިތުރަށް މިއޮތީ ކޮންމެ ތަނެއްގަ ފޮރިން އެމްބަސީތައް ހިންގުމަށް ހަރަދު ކުރަން ނިންމާފަ، ހެޔޮވާނީ ކިހިނެއްތޯ؟ ކޮބައިތޯ މީގެ ބޭނުމަކީ؟ ސިންގަޕޫރުން މިގައުމަށް ލިބޭ އެންމެ ފައިދާއެއް ތިބޭފުޅުން ވިދާޅުވެ ބައްލަވާ، ސިންގަޕޫރުން މިގައުމަށްދޭ އެއްވެސް ޚިދުމަތެއް ވިދާޅުވެދެއްވަބަލަ ތިބޭފުޅުން، ތައިލެންޑުން މިގައުމަށް ދޭއެއްވެސް އެއްޗެއް ވިދާޅުވެދެއްވާ، ދުނިޔޭގެ ހުރިހާ ގައުމެއްގައި އެމްބަސީ ހުޅުވައިގެން ރާއްޖޭގެ ޓެސް ޕޭޔަރުންދޭ ހުރިހާ ފައިސާތަކެއް ޚަރަދު ކުރުމުގައި ކޮންމެވެސް ވަރަކަށް ވިސްނާލާ ލަދުވެތި ވާން ޖެހޭ، ބިރުވެތި ވާން ޖެހޭ"ސިޔާމް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަހުޘް ކުރަން ހުޅުވާލިއިރު ދައުލަތުން ކުރަން ރާފައިވާ ޚަރަދުތަކުގެ ތަފްސީލް ސާފުކޮށް ފެންނަން ނެތުމުން އެ ބަޖެޓަށް ބަހުޘް ކުރެވެންނެތް ކަމަށާއި އަދި ބަޖެޓަށް ވޯޓުވެސް ދެއްވެން ނެތް ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ރައީސް. އަޅުގަނޑު އާދޭހާ އެކު މި ދަންނަވަނީ މި ބަޖެޓު ފޮތް ގެންދަވާ. ގެންގޮސް އަލުން ގެންނެވީމާ އަޅުގަނޑުމެން މި ކަމާ ބެހޭގޮތުން ރަނގަޅަށް ވާހަަކަދައްކާނަން. އެކަމަކު، މި ގޮތަށް އޮއްވަކާ އަޅުގަނޑަކަށް މި ބަޖެޓަކަށް ވޯޓެއް ނުދެވޭނެ،" ސިޔާމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.