MAJLIS

ގޮނޑި ގެއްލޭ އިސްލާހު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި. ބިލު މިއަދު ތަޅުމުން ފާސްކުރާނެ

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުން، ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ބިލު މަޖްލީހަށް ހުށަހެޅުމުން ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ހެނދުނު 9:00 ގައި އޮތް މަޖްލީހުގެ ޖަލްސާގައެވެ. އެއަށްފަހު ހާޒިރުވެވަޑައިގެން ތިއްބެވި 81 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓާއެކު ބިލު މަޖްލީހަށް ބަލައިގަތެވެ.

ބިލުގެ އިބްތިދާއީ ބަހުސްގައި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ހުށަހެޅުއްވީ މި ބިލު މަޖްލީހުގެ މުޅި ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް 86 މެމްބަރުންގެ ތެރެއިން 71 މެމްބަރުންގެ ވޯޓާއެކު ބިލު ކޮމިޓީއަށް ބިލް ފޮނުވުނެވެ. އެއަށްފަހު މިއަދު އޮތް މަޖްލީހުގެ މުޅި ކޮމިޓީން ވަނީ 75 މެމްބަރުންގެ ވޯޓާއެކު މި ބިލު ފާސްކޮށްފައެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ 13 މެމްބަރުންނެވެ. މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މިއަދު ހަވީރު 5:30 ގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.

advertisement
ހިޔާލު ދެއްވާ!