ގައުމަށް ބޭނުން ވަނީ މަޖިލިސް މެމްބަރުން ގެންގުޅޭ ހަލުވި ސްޕީޑުކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުމާއި، ކޮމިޓީގެ މަސައްކަތްވެސް ނިންމާ، ބިލު ފާސްކުރުމަށް މަޖްލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބާއްވަން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
"ތިޔަ ބޭފުޅުން ގާނޫނު އަސާސީއާއި ގާނޫނުތައް ހެއްދެވުމުގައި ގެންގުޅުއްވާ ހަލުވި ބާރު ސްޕީޑު، އެއީ މިއަދު މި ގައުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ދަންނަވަން،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.
މި ބިލު މަޖްލީހަށް ހުށަހެޅުމުން ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ހެނދުނު 9:00 ގައި އޮތް މަޖްލީހުގެ ޖަލްސާގައެވެ. އެއަށްފަހު ހާޒިރުވެވަޑައިގެން ތިއްބެވި 81 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓާއެކު ބިލު މަޖްލީހަށް ބަލައިގަތެވެ.
ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.