އިޒްރޭލް ޕާސްޕޯޓް މަނާކުރުން އަވަސްކުރަން ގޮވާލާ ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
މި ގަރާރު މަޖިލިހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ 15 މެންބަރުންނެވެ. ބަލައިގަތުމާއި ދެކޮޅަށް 63 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި ގަރާރުގައި ބުނެފައިވަނީ މެންބަރު މީކާއިލް ނަސީލް ހުށަހަޅުއްވާފައިވާ ބިލު ވަކިގޮތެއް ނުނިމި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައިއޮތް ސަބަބު ބަލައި، އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ދެނެގަނެ ވީހާވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ނިންމުމަށެވެ.
ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ.
އެހެންކަމުން މި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
މަޖްލީހުން މި ޤަރާރު ބޭރުކޮށްލާފައިވާއިރު، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކައި ހުށަހަޅާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭކަންކަން ނިންމުމުގެ ސުންގަޑިއަކީ ފެބްރުއަރީއަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ނޮވެމްބަރު 12 ވަނަ ދުވަހު ފާސްކޮށްފައެވެ. ކޮމިޓީގެ މެންބަރުން މިގޮތަށް ނިންމާފައިވަނީ މި މައްސަލައިގެ ދިރާސާއަށް ސިޔާސީ ޕާޓީތަކާއި، ޓޫރިޒަމް މިނިސްޓްރީގެ ވެރިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި ބައްދަލުކޮށް، އޭގެ ފަހުން ވެސް ބައްދަލު ކުރަން ޖެހޭ ބަޔަކު ތިބި ނަމަ އެ ބޭފުޅުންނާއި ބައްދަލުކޮށް، އެންމެންގެ މަޝްވަރާ އާއި އެއްބާރުލުން ބޭނުންވާތީކަމަށް ބުނެއެވެ.
ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅާފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވުމަކީވެސް ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ފެބްރުއަރީގެ ނިޔަލަށް މި ބިލްގެ ސުންގަޑި ކަނޑައަޅަން ކޮމެޓީގައި ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.