ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ދ. ކުޑަހުވަދޫ 3-1 އިން ބަލިކޮށް ޏ. ފުވައްމުލަކު ފެށުން ރަނގަޅުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި، ފުވައްމުލަކު ޓީމަށް ލީޑުނަގައިދިނީ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދެ ވަނަ ޑިވިޝަނުގައި ކުޅުނު ބިދޭސީ ކުޅުންތެރިޔާ ކޯފީ އޮވޫސޫ އެވެ. ފުވައްމުލަކުން ގޯލެއް ޖަހާފައިވަނިކޮށް ދެ ވަނަ ހާފުގައި ކުޑަހުވަދޫގެ އަހުމަދު މުއާދު ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެވަނަ ހާފުގެ ފަހު ކޮޅުގައި، ކުޑަހުވަދޫގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުގެ ފައިދާނަގައި، ފުވައްމުލަކުގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އާއި މޫސާ އަޒީމް ހަސަން ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ފުވައްމުލަކަށް ހޯދައިދިނެވެ.
17 ޓީމު ބައިވެރިވި މި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ. އަދި އަރިހުގައި ގޯލްޑް ކަޕްގެ އިސް ހިންގުންތެރިޔާ، ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބައިވެރިވި އެވެ.
މި މުބާރާތަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނެސް ރަށްރަށުގެ ކުޅުންތެރިންގެ ކުޅުން ބަލައިލުމަށް ބޭނުވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު، އެއްމަހަށް ދެމިގެންދާގޮތަށް ކުރިޔަށް ގެންދަން ރާފައިވާ ފުޓުބޯޅަ ޝޯއެއްކަަމަށް މި މުބާރާތް އިންތިޒާމް ކުރާ ފާރާތުން މައުލޫމާތު ދެއެވެ.