ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ޞިއްޙީ ދާއިރާވެސް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ޞިއްޙީ ދާއިރާގެ މިސްރާބު ހުރީ އިންޤިލާބީ ބަދަލަކާ ދިމާލަށް ކަމަށެވެ.
އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް މިވަގުތު ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެވިގެން ކަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން މިދާއިރާއިން މިހާތަނަށް ކުރެވުނު މަސައްކަތުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުގެ އަމާޒުހުރީ ޞިއްޙީ ނިޒާމަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އެންމެ ބޮޑެތި އާބާދީތަކުން ފެށިގެން އެންމެ ކުދިކުދި އާބާދީތަކުގައިވެސް ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމަށް ކަމަށެވެ.
ހަމައެހެންމެ ޞިއްޙީ ދާއިރާއިން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީ، ހުއްޓިފައި ނުވަތަ މަޑުޖެހިފައި ހުރި މަޝްރޫޢުތައްވެސް އަލުން ހިނގައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއެކު އެ ނިޒާމުގެ ތެރެއިން ހުރި ބާގަނޑުތައް ދެނެގަނެވި، ކުރެވޭ އިސްރާފު ބޮޑުތަނުން ސަލާމަތްކުރެވޭނެ ކަމަށެވެ.