މި ސަރުކާރު ހަވާލުވިއިރު ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކުންފުނިތަކާ ހަވާލުކުރުމަށްފަހު ފައިސާ ނުދައްކާ ހުރި ކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އެގޮތުން 280 މިލިޔަން ރުފިޔާގެ ބިލު ނުދައްކާ އޮތް ކަމަށާއި އެންމެ އަވަސްވެގަތީ އެ ބިލްތައް ދައްކާ ޚަލާސްކޮށް މަޝްރޫޢުތައް އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
އަދި ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި 34 މިލިޔަން ރުފިޔާ ފިޔަވާ އެހެން ހުރިހާ ފައިސާ ދައްކާ ޚާލާސްކޮށްފައިވާ ކަން ފާހަގަކުރައްވާ ޝަފީއު ވިދާޅވުީ މި އަހަރު ނިމުމުގެ ކުރިން ނުދެވި ހުރި ފައިސާތައް ދީ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަފީއު ވިދާޅުވީ މަޝްރޫޢުތަކުގެ ތެރޭގައި ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލް އިމާރާތްކުރުންފަދަ މަޝްރޫޢުތައް ހިމެނޭ ކަމަށެވެ.
" ފައިސާ ނުދިނުމުން ނަތީޖާއަކަށްވީ މަޝްރޫއުތައް ހުއްޓުން." ޝަފީއު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 2024 ވަނަ އަހަރު ބަޖެޓް އެކުލަވާލިއިރު އެކަށީގެންވާ ވަރަށް މަޝްރޫޢުތަކަށް ފައިސާ ހަމަޖައްސާފައިނުވާ ކަމަށާއި އައު މަޝްރޫޢުއެއް ފަށްޓަން ދައުލަތުގެ މާލިއްޔާތު ޤަވައިދު ބުނާގޮތުން ބަޔަކަށް މަސައްކަތެއް ހަވާލުކޮށްފިކަމުގައި ވާނަމަ މަސައްކަތުގެ %15 ދައްކަން ޖެހުނުނަމަވެސް ގިނަ މަޝްރޫޢުތަކަށް ހިމަނާފައިވަނީ އެއަށްވުރެ މަދު ފައިސާ ކަމަށެވެ.