މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު ފާސްކުރުމުން އަލުން އާ މަޖިލީހެއް އިންތިޚާބު ކުރަންޖެހޭ: ޝާހިދު

މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު ފާސްކުރުމުން އަލުން އާ މަޖިލީހެއް އިންތިޚާބު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު ފާސްކުރުމުން އަލުން އާ މަޖިލީހެއް އިންތިޚާބު ކުރަންޖެހޭކަމަށެވެ. 

އަދި ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކަކީ ޑިމޮކްރެޓިކް ހަމަތަކުން ގާނޫނަށް ގެނައި އިސްލާހުތަކެއް ނޫން ކަމަށާއި، އެކަންކަން ކޮށްފައިވަނީ މަޝްވަރާކުރުމެއްނެތި އުސޫލުން ބޭރުން ކަމަށެވެ. އަދި އަވަސްއަރުވާލައިގެން މިކަންކުރުމުގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައިވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ދިހަ ގަޑިއިރު ތެރޭގައި ގާނޫނުއަސާސީ މި ބަދަލުކޮށްލީ. ރައްޔިތުންނަށް ގޮންޖައްސަވާފަ އެކަންކުރީމަ ރައްޔިތުން ދެން މަޑުންތިބޭނެޔޭ ހީފުޅުކުރައްވައިގެން ކުރެއްވި ކަމެއް އެއީ." ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް އެބަހުރި، އަޅުގަނޑުމެން އެމްޑީޕީ އުފެދިގެން އައިސްފައި އޮތީ، ޑިމޮކްރަސީ ރާއްޖޭގައި ގާއިމްކުރުމަށް ޑިމޮކްރަސީއަށް ޗެލެންޖުކުރެވޭ ކަންތައްތައް، އެއީ ދެންގޮތެއް ނެތޭ ދެން އަޅުގަނޑުމެން މުޅިން އަތްފައި ބަނދެވުނީއޭ މި އިހުސާސް ދިވެހި ރައްޔިތުން ގާތްވިޔަކަ ނުދޭނަން. މިއަދުގެ ސަރުކާރުން ޕީއެންސީން ބޭނުންފުޅުވަނީ ރައްޔިތުން މާޔޫސްކޮށްލައްވާފަ ތިމަންމެން ބޭނުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކޮށްލެވިދާނެއޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މި ފެންނަނީ މިސަރުކާރު ބަލިވެގެންދާ ތަން ކަމަށެވެ. އަދި ރާއްޖޭގައި ހިނަގަމުންދާ ޑިމޮކްރަސީގެ ލޮޅުންތަކުން އަރައިގަނެވޭނެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!