ރައީސް ޑރ މުޢިއްޒު މި ދިވެހި ގައުމުގެ ވެރިކަމާ ޙަވާލުވީ ގާތްގަނޑަކަށް މީގެ އަހަރެއް ކުރިންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ މުޅިން އާ މިންގަނޑަކަށް އުފުލާލުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި ރައީސް "އިބޫ ނޫންގޮތެއް" ހޯދަން ކުރި ދަތުރުގައި ޑރ މުޙައްމަދު މުޢިއްޒު ރައީސްކަމަށް ގެނައުމަށާއި، ޙުސައިން މުޙައްމަދު ލަޠީފު ނާއިބުރައީސްކަމަށް ގެނައުމަށް ފެންނަކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އާއެކޭ ބުނެ ވޯޓު ކަރުދާސްކޮޅުގައި ޖެހި ހެޔޮފާހަގަތަކުގެ ތިލަފަތް ބަރުކުރުވައިގެންނެވެ.
އެ ތިލަފަތް ރައީސް ޑރ މުޢިއްޒާއި ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ ކޮޅަށް ބަރުވުމުގައި، ރިޔާސީ ކެމްޕެއިން މުހިއްމު ދައުރެއް އަދާކުރިއެވެ. މާލެ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާތަކާއި އަތޮޅުތެރޭގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައީސާއި ނާއިބު ރައީސް ވެވަޑައިގެންނެވި ވަޢުދުތަކަކީ ލިބުނު ކާމިޔާބީގެ އެންމެ ބޮޑު "ޙިއްސާދާރު" އެވެ.
އެގޮތުން ބަލާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ޙައިސިއްޔަތުން މިއަދުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުތަކުގެ ތެރޭގައި 13 އޮގަސްޓް 2023 ގައި ހއ.އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
އެދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޙަފްލާގައި އެ މަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ އެމަނިކުފާނުގެ މަޤާމުގައި ހުންނެވުން އެންމެ ޙައްޤީ ރައީސް ޔާމީން ކަމުގައި ވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީނަކީ މީގެ ކުރިން މި ޤައުމުން ދުވަހަކުވެސް ނުފެންނަ ވަރަށް ގެނެސްދެއްވި ތަރައްޤީގެ ބާނީ ކަމަށާއި، އެ މަނިކުފާނުގެ ކިބައިން ތަރައްޤީ ގެނައުމަށް ދަސްވެފައިވާ ކަަމަށާއި، ވެރިކަން ޙަވާލުކޮށްފިނަމަ މި ޤައުމުން ފެނިގެންދާނީ ތަރައްޤީގެ ރަން ޒަމާނެއްކަމުގައި ވިދާޅުވަމުން ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ.
ފުރަތަމަ ވަޢުދު: މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށް ޖަހައިދިނުން
ރައީސް ވަނީ ހއ. އިހަވަންދޫއަކީ މަސްވެރި ރަށެއްކަމަށާއި، ކުރީގެ ސަރުކާރުން އެރަށަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ އިހުމާލުގެ ސަބަބުން އިހަވަންދޫގެ މަސްވެރިކަމުގެ ސިނާޢަތް ހަލާކުވެފައިވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު ވަޢުދުވެވަޑައިގަތީ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށްޖަހައިދިނުމަށެވެ.
"މިރަށަކީ ހަތަރުހާހެއްހާ ރައްޔިތުން އުޅޭ ރަށެއް. މަސްވެރިކަމުގެ ހަބެއް. އެހެންނަމަވެސް އަޑުއިވިގެންމިދަނީ ސަރުކާރުން މިރަށަށް ވަރަށްބޮޑަށް އިހުމާލުވެފައިވާ ވާހަކަ. މަސްވެރިކަމުގެ ސިނާއަތް މިރަށުގައި ހަލާކުވެގެން ގޮސްފައިވާ ވާހަކަ. އަޅުގަނޑު ދޭ ޔަޤީންކަމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތް ނަގައި ކޮޅަށް ޖަހައިދޭނަމޭ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ދެވަނަ ވަޢުދު: ދިގުފަރު ހިއްކައި ސިނާޢީ މަސައްކަތް ކުރުމަށް އެރަށުން ބިން ދޫކުރުން.
އިހަވަންދޫގައި ފައިބަރުގެ މަސައްކަތްކުރަމުންދަނީ މީހުން ދިރިއުޅޭ ހިސާބާ ވަރަށް ކައިރީގައި ކަމަށްވެފައި، އެ މަސައްކަތަކީ އޭގެ ސަބަބުން ނޭވާލާ ނިޒާމަށް ނުރައްކާ ކަމަކަށްވާތީ އެކަމަށް ޙައްލެއް ބޭނުންވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް ބަލާއިރު، އިހަވަންދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެކަމަށް ޙައްލެއް ލިބެން އަންނަނީ ބިން އިތުރުކޮށްގެން ކަމަށާއި، ބިން އިތުރުކުރެވެން އޮތީ، އިހަވަންދޫ ކައިރީގައި އޮތް ދިގުފަރު ހިއްކައިގެންކަން ފާހަގަކުރެއްވިއެވެ. އަދި ދިގުފަރު ހިއްކުމަށްފަހު ސިނާޢީ މަސައްކަތްތަކަށް ބިން ދޫކުރާނެކަމަށް ވިދާޅުވިއެވެ.
ތިންވަނަ ވަޢުދު: ދިގުފަރު ހިއްކައި ދިގުފަރާއި އިހަވަންދޫ ގުޅުވާލަދިނުން
އިހަވަންދޫއަށް ބިން ބޭނުންވާ ކަމަށާއި، އެކަމަށް ޙައްލެއްގެ ގޮތުން ދިގުފަރު ހިއްކުމަށްފަހު ބިމުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިގުފަރާއި އިހަވަންދޫ ގުޅާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަތަރުވަނަ ވަޢުދު: ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުން
އުތުރުގައި ކޯލްޑް ސްޓޯރޭޖެއް ނެތުމުން އެކަމުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަށް ޙައްލެއްގެ ގޮތުން، މަސް ރައްކާކުރާ ކާރުޚާނާއެއް ޤާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މަސްރައްކާކުރާ ކާރުޚާނާއެއްނަމަ، އެތަނަކަށް މަސް ލިބޭނޭގޮތް އިންތިޒާމް ހަމަޖެހިފައި ހުރުމަކީ މުހިއްމުކަމަކަށްވާތީ، އިހަވަންދޫގައި ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
"ކޯލްޑް ސްޓޯރޭޖެއް މިރަށަށް ވަރަށްބޮޑަށް ބޭނުންވޭ. އުތުރުގެ މިހިސާބުގައި ނެތް އެކަމެއް. އެހެންވީމާ ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތަކީ އެ އުންމީދަކީ މިރަށުގެ މަސްވެރިން ވަރަށް ބޮޑަށް އެދެމުންދާކަމެއް. އެކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙާސިލު ކޮށްދޭނެ ކަމެއް" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފަސްވަނަ ވަޢުދު: އައިސްޕްލާންޓެއް ބަހައްޓައި ތެޔޮ ލިބޭނެގޮތް ހަމަޖައްސައިދިނުން.
އިހަވަންދޫގައި ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ ވަޢުދާއެކު، އައިސްޕްލާންޓަކާއި، އިހަވަންދޫއަށް މަސްކިރުވުމަށް ދަތުރުކުރާ ދޯނިތަކަށް އައިސް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައިސްޕްލާންޓެއް ބަހައްޓާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާއެކު ދޯނިތަކަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ހަވަނަ ވަޢުދު: ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި ފުރަތަމަ އަހަރުގެ ތެރޭގައި މަސައްކަތްފެށުން
އިހަވަންދޫގައި 4 ހާހެއްހާ ރައްޔިތުން އުޅެމުންދާ ރަށަކަށްވީނަމަވެސް، އިހަވަންދޫގައި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް މިވީހާތަނަށް ޤާއިމުކުރެވިފައެއް ނެތްކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެމަނިކުފާނުގެ ސަރުކާރެއްގެ ފުރަތަމަ އަހަރުތެރޭގައި އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ޞިއްޙީ ނިޒާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައީސް ޔާމީނުގެ ސަރުކާރުގައި އެންމެ އިސްކަން ދިން އެއްކަންތައް. ހަނދުމަފުޅު ހުންނާނެ އެމަނިކުފާނުގެ ވެރިކަމުގައި މުޅި ރާއްޖޭގެ ސިއްޙީ ނިޒާމަށް ގެނެސްދެއްވި ތަރައްޤީ. މި 5 އަހަރުގައި މި ފެންނަނީ އޭގެ އަނެއްކޮޅަށް ބަދަލުވެގެން ގޮސްފައިވާ ތަން. މިރަށަކީ އާބާދީގެ ގޮތުން ވަރަށްގިނަ ރައްޔިތުން އުޅޭ ރަށެއް. 4 ހާހެއްހާ ރައްޔިތުން އުޅެމުންދާއިރުގައި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް މިތަނުގައި ޤާއިމުކުރެވިފައެއް ނެތް. އެހެންވީމާ އެކަމަކީ އަޅުގަނޑު ހިތުން އެއްވެސް ބަޔަކު ސުވާލުވެސް ކޮށްގެންވާނެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިހަވަންދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހަމަ އެންމެ އިސްކަމެއް ދީގެން ފުރަތަމަ އަހަރު ތެރޭގައި މަސައްކަތް ފަށައިދޭނަން." ރައީސް ޑރ. މުޢިއްްޒު
ހަތްވަނަ ވަޢުދު: ރަށުގެ މަގުތައް ހަދައިދިނުން
ރަށަކަށް ތަރައްޤީ ބޭނުންވާނަމަ، އެރަށެއްގެ މަގުތައް ހެދުމަކީ ކޮންމެހެންވެސް ބޭނުންކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ އެތައް ރަށެއްގައި މަގުހެދުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި، މަގުހެދުމަކީ ރައީސް މުޢިއްޒު ވަރަށް ފަރިތަކަމެއްކަމުގައި ވިދާޅުވެ އިހަވަންދޫގެ މަގުތައް ހައްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.
އަށްވަނަ ވަޢުދު: ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދިނުން
އިހަވަންދޫގައި ކުނި މެނޭޖްކުރާނެ ގޮތެއް ޤާއިމުވެފައި ނެތުމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް ހައިރާންވެވަޑައިގެންނެވި ކަމެއްކަމުގައި ވިދާޅުވެ، ކުނި މެނޭޖް ކުރާނެ ނިޒާމެއްގެ ވަޢުދުވެވަޑައިގެންނެވިއެވެ.
ނުވަވަނަ ވަޢުދު: ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތަކެއް އިހަަވަންދޫގައި ހިންގައިދިނުން
"ގެދޮރު ބިނާކުރުމުގެ ވާހަކަ އަޅުގަނޑު މިހާރު ކޮންމެ ޖަލްސާއެއްގައިވެސް އެބަ ދައްކަން. ދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއްގޮތުގައި އަޅުގަނޑުމެން ޤަބޫލު ކުރަނީ. …… މީޑިއާ މެދުވެރިކޮށް އަޅުގަނޑުމެން މި އިއުލާނުކުރަމުން މި ގެންދަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މުހިންމު ކަންތައްތައް… ހަމަ އެކަން ކަން މިރަށަށްވެސް އެޕްލައިވާނެ. …. އެހެންވީމަ އެތަފުސީލަށް ނުގޮސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ މިރަށުގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން ގެދޮރުގެ މައްސަލަ ޙައްލުކޮށްދިނުމަށް ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާމުން ހިންގަދޭނަން." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ދިހަވަނަ ވަޢުދު: މަލްޓި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުން
ރައީސް ޔާމީންގެ ސިޔާސަތުގައި އެމަނިކުފާނު ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވެސް އެންމެ އިސްކަމެއްދޭ ކަމަކީ ޒުވާނުންކަމަށާއި، އެމަނިކުފާނުގެ ފުރަތަމަ ދައުރުގައިވެސް އެންމެ އިސްކަމެއް ދެއްވީވެސް ޒުވާނުންނަށްކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއްކަމަށާއި، ޒުވާނުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވާންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނީ ގެދޮރުވެރިކަމުގެ ހިތްހަމަ ޖެހުމާއި ސިއްޙީ ވަސީލަތްތައް ފަހިވެ، ވަޒީފާގެ ފުރުޞަތުތައް ޔަޤީން ކުރެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި ކުޅިވަރު ކުޅެވޭނެ ފެސިލިޓީސްތައް ޤާއިމްކުރެވި އޭގެ ނަފާ ލިބެންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ކުޅިވަރަށް ޚާއްސަކުރެވިގެން ކުޅިވަރު ކުޅުމަށްޓަކައި ޒުވާނުންގެ ސްޕޯރޓްސް ކޮމްޕްލެކްސްއަކާއި މަލްޓި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރައްވާނެކަމުގައި ވިދާޅުވިއެވެ.
އެގާރަވަނަ ވަޢުދު: މަލްޓި ޕާރޕަސް ހޯލެއް ޤާއިމުކުރުން
"މިރަށުގަވެސް ކުޅިވަރަށް ޚާއްސަކުރެވިގެން ކުޅިވަރު ކުޅުމަށްޓަކައި ޒުވާނުންގެ ސްޕޯރޓްސް ކޮމްޕްލެކްސް މަލްޓި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ރައީސް ޑރ.މުޢިއްޒު
އިހަވަންދޫގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު ދިރާސާކޮށް ބަލާއިރު އިހަވަންދޫއަށް ޚާއްޞަ 11 ވަޢުދެއް ވަނީ ވެވަޑައިގެންފައެވެ. އެހުރިހާ ވަޢުދަކީ ވަގުތުން ވަގުތަށް ފުއްދައިދެވޭނޭ ވަޢުދުތަކަކަށް ނުވާނެއެވެ. އެހެންނަމަވެސް އެ ވަޢުދުތަކުގެ ތެރޭގައި ފުރަތަމަ އަހަރުގެ ތެރޭގައި ފުރިހަމަވާންޖެހޭނެކަމަށް ރައްޔިތުން ޤަބޫލުކުރާ ވަޢުދުތަކެއްވެސް ހުންނާނެއެވެ. އަދި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރިނަމަ ފުއްދޭނެ ވަޢުދުތައްވެސް ހުންނާނެއެވެ. ސުވާލަކީ، އިހަވަންދޫގައި ޑރ މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކުގެ ތެރެއިން މިހާތަނަށް ފުއްދިފައިވަނީ ކިތައް ވަޢުދުތޯއެވެ؟