މާއްދިއްޔަތަށް ގޮސް ހުސްވެ ދުނިޔެ ހޯދުމުގައި އުޅެނިކޮށް އެތައްބަޔެއްގެ އަޖަލު ހުސްވޭ: ޚުޠުބާ

އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއްކަމަށާއި، މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެތައް ބައެއްގެ އަޖަލު ހުސްވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޤިޔާމަތްދުވަހާ ގުޅޭގޮތުން ދިން މިއަދުގެ ހުކުރު ޚުޠުބާގައި ދުންޔަވީ ޙަޔާތުގައިވާ އެންމެ ބޮޑު ޙަޤީޤަތަކީ، ތިބާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހުންކަމަށާއި، އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެތީ އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި ވާންޖެހޭކަމަށް ބުނެފައިވެއެވެ. އަދި ރަޙިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑުކަމަށާއި، އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެކަމަށްވެސް ޚުޠުބާގައިވެއެވެ.

ހުކުރު ޚުޠުބާގައި ބުނީ ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެ ކަމަށެވެ. އެގޮތުން ޖައްވުގައި ވިޔަސް، ފުން ބިންގަރާހެއްގެ އެންމެ އަޑީގައި ވިޔަސް، ވަލުޖަނަވާރެއްގެ ބަނޑުގައި ވިޔަސް، އަދި މި ނޫން ގޮތަކަށް ވިޔަސް، ޤިޔާމަތްދުވަހު އެންމެން އެއްތަންކުރެއްވުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެއްކަމަށެވެ. އަދި ޤިޔާމަތްދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަމަށާއި، ތާޅަފިލި ފުމެލެވޭ ވަގުތުގެ ޙާލަތު ބަޔާންކުރައްވަމުން ކީތިރި ޤުރުއާނުގެ ޒުމަރު ސޫރަތުގެ 68 ވަނަ އާޔަތުން ޙުއްޖަތް ދައްކަވާފައިވެއެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. "ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއް ފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ."

"ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެއެވެ. ޢަމަލުތައް ވަޒަން ކުރެވޭނެއެވެ. ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން اللهُ سُبْحَانَهُ وَتَعَالَى ބޭއިންސާފެއް ނުކުރައްވާނެއެވެ. އެ ދުވަހުން ކަނާތަށް ފަތް ލިބޭނީ ހެޔޮ ޢަމަލުކޮށް އުޅުނު މީހުންނަށެވެ. އަދި އުރެދުނު މީހުންނަށް ފަތް ލިބޭނީ އެމީހެއްގެ ވާތަށެވެ. ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާއެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލާފައިވަނީ އަހަރެމެންގެ މި ލޮބުވެތި މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައިކަމަށް ބުނަމުންނެވެ. "މިއަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރެވެ. މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، اللهُ سُبْحَانَهُ وَتَعَالَى ޙަރާމްކުރެއްވި މި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަހަލައެވެ." ޚަޠީބު ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާ ލިޔުއްވާފައިވަނީ ސަލްމާން މުޙައްމަދު ލަޠީފެވެ.

advertisement
ހިޔާލު ދެއްވާ!