ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނު އަސާސީ ބަދަލުކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުންކަމުގައި ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޑީޑީ ވިދާޅުވީ "އެންޓި ޑިފެކްޝަން"އާ ގުޅޭގޮތުން ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ "ރައްޔިތުންގެ ބާރު" ގެއްލޭ އިޞްލާޙެއްކަމަށެވެ.
އަދި ރައްޔިތުންގެ ބާރު ނުވަތަ ރައްޔިތުންގެ ސިޔާދަތު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު އެ ސިޔާދަތު ކަށަވަރުކޮށްދޭ މަބްދައަކީ، އެ މަބްދައާ ޚިލާފަށް ޤާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނޭ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" (supra constitutional) ޕްރިންސިޕަލްއެއް ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.
އަދި "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" (supra constitutional) ޕްރިންސިޕަލް އަކާ ތަޢާރުޟުވާގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްޞަކީ އެއަށް "ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ ނައްޞެއްކަމުގައި ނުބެލެވޭނެކަމަށެވެ.
"ސޫޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލްއަކީ ކޮބާ؟
ސްޕްރާ ކޮންސްޓިޓިއުޝަނަލް ޑޮކްޓަރިން ގެ މަފްހޫމަކީ ޤާނޫނު އަސާސީގައި ހިމެނޭ ބަދަލުނުކުރެވޭނެ ހަމަތަކެވެ. ނުވަތަ އުޞޫލުތަކެވެ. އެގޮތުން، އެއިން ހަމައެއް ނުވަތަ އުޞޫލަކަށް އެއްވެސް ބަދަލެއް ގެނައުމާއި، އެއިން އުޞޫލަކުން ލިބިދޭ ޙައްޤެއް ހަނިކުރުމާއި، އެފަދަ އުޞޫލެއް އުވާލުމާއި، އެފަދަ އުޞޫލަކުން ލިއްބައިދޭ ޙައްޤަކަށް އަރައިގަތުމަކީ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" ޕްރިންސިޕަލްއާ ޚިލާފު ކަމެކެވެ.
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ، ބައެއް މަލްޓި ޕާޓީ ސިސްޓަމްތަކުގައި "ފްލޯރ ކްރޮސިންގ" މަނާކުރުމުގެ ގޮތުން ޤާނޫނުތަކެއް ހެދިފައި ވީނަމަވެސް، "އެންޓި ޑިފެކްޝަން" ޤާނޫނުތަކަކީ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތައް ބަލައިގަންނަ އެއްޗެއް ނޫންކަމަށެވެ. އެގޮތުން "އެންޓި ޑިފެކްޝަން" ޤާނޫނު ތަޠްބީޤު ކުރާ ބައެއް ނިޒާމުތަކަކަކީ "ބަރްލަމާނީ" ނުވަތަ "ސެމީ ބަރްލަމާނީ" ނިޒާމުތަކަކަށް ވާއިރު، އޭގެ މައިގަނޑު މަޤްޞަދަކީ، އެފަދަ ނިޒާމުތަކުގައި ޕާރލަމެންޓަރީ މެޖޯރިޓީ ގެއްލުމުގެ ސަބަބުން ސަރުކާރުގެ ދެމިއޮތުމަށް ހުރަސްއެޅިގެންދާތީ އެކަމަށް ޙައްލު ހޯދުން ކަމަށެވެ.
ޑރ ޑީޑީ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގެ ވުޖޫދާއި އަދި ދެމިއޮތުމާ ދެމެދު އޮންނަންޖެހޭ އެއްވެސް ދުސްތޫރީ ގުޅުމެއް ނެތްކަމަށެވެ. އަދި އެކަން އެހެން އޮތްއިރު، ދިވެހިރާއްޖޭގައި "އެންޓި ޑިފެކްޝަން" ގެ އުޞޫލުތަކެއް ކަނޑައެޅިގެން ދިއުމުން، ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހާ ޤާނޫނުއަސާސީން މަތިކޮށްފައިވާ އިޚްތިޞާޞްތައް ފުރިހަމަޔަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖްލީހަކީ "ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިއުމުގެ އިޙުތިމާލުވެސް ވަރަށް ބޮޑުކަމަށެވެ.
ޑރ. ޑީޑީގެ ޕޯސްޓްގައި އެމަނިކުފާނު ވަނީ "އެބްނޯރމަލް" އިޖްރާއާތު ތަކެއްގެ ދަށުން ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމަކީ ތަހްޒީބު މުޖުތަމަޢެއްގައި ކަންހިނގައިގެންވާނެ ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިޞްލާޙު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ބެސްޓް ޕްރެކްޓިސްއަށް ތަބާވުމަކާ ނުލައި، އެއްދުވަސް ތެރޭގައި އިޞްލާޙު ހުށަހަޅައި، އިޞްލާޙަށް ބަޙްޘުކޮށް، އިޞްލާޙު ފާސްކޮށްފައިވަނީ ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ޟަރޫރަތެއް އޮވެގެން ކަމަކަށް ޤަބޫލުނުކުރެވޭ ކަމަށެވެ.
އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި "ޑައިރެކްޓް ޑިމޮކްރަސީ" އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރެފްރެންޑަމް" ތަޢާރަފްކޮށް އިންތިޚާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މުހިއްމުކަން ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް ވިދާޅުވަމުންނެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން ޤާނޫނީ ދާއިރާ (ސިޔާސާ ޝަރްޢިއްޔާ) އިން ޑރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޑީޑީ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އަދި މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވައިދެއްވައިފައެވެ. އަދި އޭނާ އަކީ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫތައް ދިރާސާ ކުރައްވާފައިވާ ޕަބްލިކް ލޯގެ ތަޖުރިބާ ކާރެކެވެ. އެގޮތުން 22 އޮކްޓޯބަރ 2008 ން 2 ފެބުރުއަރީ 2009 އަށް ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްގެ ނާއިބުކަން ކުރެއްވުމުގެ އިތުރުން 10 އޮގަސްޓު 2010 އިން 27 ޖޫން 2018 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އަދި 28 ޖޫން 2018 އިން 18 ނޮވެންބަރު 2019 އަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަންވެސް ވަނީ ކުރައްވާފައެވެ.