ރާއްޖޭގައި ބާއްވާ ފުރަތަމަ ފަތުވާ މަހާސިންތާ ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް ގުޅިގެން ބާއްވާ 'ފަތުވާ މަހާސިންތާ' ފަށައިފިއެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާއެވެ.

މި މަހާސިންތާއަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކުރެވިގެން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގެ މައުޟޫއަކީ "މުޖުތަމަޢު އިސްލާޙު ކުރުމުގައި ފަތުވާގެ ދައުރު" އެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މަޤްޞަދަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށާއި އިސްލާމީ ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ އެންމެހާ ފަރާތްތައް އެއްފުރާޅެއްގެ ދަށުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރާކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމެވެ.

މި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިސްލާމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއް ކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއް ކަމުގައި ވިދާޅުވެފައެވެ. އަދި  ޒަމާނީ ފިޤުހީ މައްސަލަތަކުގެ ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައެވެ.

މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި ތިއްބެވި ފުންނާބު އުސް ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ޑރ. ޝަހީމް ފާހަގަކުރެވެނީ އިސްލާމްދީނުގެ ކުރިއެރުމަށާއި ރާއްޖޭގައި ދީނީ ކަންކަން އާލާކޮށް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ވަޒީރެއްގެ ގޮތުގައެވެ. އަދި މީހުން ބިނާކުރެއްވުމާއި، ކަމާގުޅޭ ފަރާތްތަކަށް ބޭނުންވާ ތަޢްލީމާއި ތަމްރީންތައް ވިލަރެސްކުރައްވާ ވެރިއެއް ގޮތުގައެވެ. އެގޮތުން، ޒުވާން ޚަޠީބުންގެ ޕްރޮގްރާމާއި، އިމާމުން ތަމްރީންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!