ފަތުވާދޭއިރު، މީސްތަކުންގެ ޙާލަތާއި ޢުރުފާއި ސަޤާފަތާއި ޒަމާނަށް ރިޢާޔަތްކުރަންޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ފަތުވާ މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދީނީ ކަންކަމުގައި ފަތުވާދޭ އިރު، މީސްތަކުންގެ ޙާލަތާއި ޢުރުފާއި ސަޤާފަތާއި ޒަމާނާ މެދު ރިޢާޔަތްކުރުމަކީ ފަތުވާ ދިނުމުގައި ބަލަންޖެހޭ ކަމެއްކަމަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި މުޖުތަމަޢާއި ދައުލަތުގެ ޢާއްމު މަޞްލަޙަތުތައް ޚާއްޞަ މަޞްލަޙަތު ތަކުގެ މައްޗަށް އިސްކުރަންޖެހޭކަމަށެވެ. މީގެ އިތުރުން ދީނުގެ ޙުކުމްތައް ބަޔާންކުރުމުގައި އިސްލަމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއިފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިން އުޞޫލުތަށް ނެގެހެއްޓުމަށްވެސް ވަޒީރު ޑރ ޝަހީމް އިލްތިމާސްކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ މިޒަމާނުގައި، ކުރިމަތި ވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގެ ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައެވެ. އަދި ފިޤުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާޢީ، ޢުރުފީ ސަބަބުތަށް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގު ފަހިވާނެ ކަމެއްކަންވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއްކަމަށެވެ. އަދި ޝަރުޢީ ޙުކުމްތައް ބަޔާންކުރުމުގައި، ފިޤުހީ މުޢުތަބަރު ޚިލާފު ހުންނަ ކަންކަމުގައި ޚިލާފުގެ އޮތް ކަމުގެ ވާހަކަ ބަޔާންކުރުން މުހިންމުކަމަށާއި ތަބަޢަވާންޖެހޭނީ ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއަށް ކަމަށެވެ. އެގޮތުން ޚިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިޙުތިރާމް ކުރުމަކީ އިލްމުވެރިންގެ އަޚުލާޤުކަމުގައި ޑރ ޝަހީމް ފާހަގަ ކުރެެއްވިއެވެ.
ފަތުވާ މަހާސިންތާއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކުރެވިގެން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގެ މައުޟޫއަކީ "މުޖުތަމަޢު އިސްލާޙު ކުރުމުގައި ފަތުވާގެ ދައުރު" އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މަޤްޞަދަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށާއި އިސްލާމީ ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ އެންމެހާ ފަރާތްތައް އެއްފުރާޅެއްގެ ދަށުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރާކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމެވެ.