ފޮޓޯ: ރައީސް އޮފީސް

ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބޭނީ ޑރ މުޢިއްޒަށް: ޢަބްދުއްރަޙީމް

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ޖެހޭ ޙާލަތެއް ނެތް ކަމަށާއި، ދެވަނަ ދައުރަކަށް ވާދަކުރައްވަން ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވާނަމަ، އެމަނިކުފާނަށް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވިނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ އެ މަގާމުގައި ހުންނަ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާންޏާ ރިޔާސީ ޕްްރައިމަރީއަކާ ނުލައި އެ ޓިކެޓް އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެހެންވީމަ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

ޕީއެންސީ އަސާސީ ޤަވާޢިދުގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައިހުރި އެ ޕާޓީގެ މެންބަރަކު، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ އެ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން ނިންމިދާނެ އެވެ.

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖޭގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުއިއްޒު ހެދުމަށެވެ. ޢަބްދުއްރަޙީމް އެގޮތަށް ވިދާޅުވި ކަމުގައި ވިޔަސް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދުގައި ރައީސް ޑރ. މުއިއްޒު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި މިހާތަނަށް އައިއިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ވެސް ނުދައްކަވައެވެ.

advertisement
ހިޔާލު ދެއްވާ!