ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު(އެމްޑީ) އަހްމަދު މުބީން ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނަށް މިރޭ އިންޒާރު ދީފިއެވެ.
މުބީން އޭނާގެ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަން ނިދިން ހޭލާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ. އަދި ތާއަބަދު ނިދަން ތިބެވިދާކަމަށް ދެކުމަކީ ކުށްހީއެއް ކަމަށެވެ.
"ބްރޯޑްކާސްޓިންގ ކޮމިޝަން ނިދިން ހޭލާނެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ. ތާއަބަދު ތިޔަހެން ނިދަން ތިބެވިދާކަމަށް ދެކުމަކީ ކުށްހީއެއް!" މުބީން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުބީން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރާ ދެކޮޅަށް ޚަބަރު ގެނެސްދޭ ޓީވީ ޗެނަލްތަކާމެދު ބްރޯޑްކާސްޓިންގ ކޮމިޝަން ފިޔަވަޅު ނާޅައިގެންނެވެ.
ދައުލަތުގެ އިސްމަގާމެއްގައި ހުންނަވައިގެން މިފަދަ މިނިވަން މުއައްސަސާ ތަކަށް އިންޒާރު ދިނުމަކީ ޑިމޮކްރަސީގެ އަސްލާވެސް ޚިލާފު ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރެެއްވި ކެމްޕެއިން ތަކުގައި ވިދާޅުވެފައިވަނީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު އައްޔަން ކުރައްވާ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ މިފަދަ އަމަލުތަކުން ރައީސް ޑރ. މުއިއްޒުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ދަނީ ވެއްޓެމުންކަން ފާހަގަ ކޮށްލެވެ.