ވަދާޢީ ނަމާދެއް ކުރަންވީ ކީއްވެ؟؟؟؟

ތިބާ ކާމިޔާބުކަމާއެކު ކަމެއް ކޮށް ނިންމައިލަން އެދޭނަމަ ހަމަޖެހިލައިގެން އިރުކޮޅަކަށް އިށީނދެ  މަރާ މެދު ވިސްނާލާށެވެ! އެއީ ތިބާ މި ދުނިޔެ މަތީގައި ކުރާ އެންމެ ފަހު ޢަމަލު ކަމުގައި ބަލާށެވެ!

ހުޅަނގުގެ މީހުންނަކީ އެމީހުންގެ ދުނިޔަވީ ޢަމަލުތައް ރަނގަޅަށް ބަރާބަރަށް ކުރެވޭތޯ މަސައްކަތްކުރާ ބައެކެވެ. އެމީހުންނަކީ މި ކަމަށްޓަކައި ގޮތްތައް ހޯދަން މަސައްކަތްކުރާ ބައެކެވެ. އެންމެ ރަނގަޅު ވަސީލަތާއި އެންމެ ރަނގަޅު ބަހާތަކާއި އެންމެ ރަނގަޅު ވަގުތު ހޯދަން އުޅޭ ބައެކެވެ. މިކަމުގެ ސަބަބުން އައު އީޖާދުތަކާއި ސައެންސާއި ހަވާއާއި ފަންނިއްޔަތުގައި ހުޅަނގުން ވަނީ ބޮޑެތި އަރުތަތަކެއް ޙާޞިލުކޮށްފައެވެ. އެހެނަސް މި މޭރުމުން އެ މީހުން މަރާ މެދަކު ނުވިސްނައެވެ. އެއީ އެމީހުން އެންމެ ނޭދޭ ކަންތަކެވެ. މަރާމެދު ވިސްނުމަކީ އިންސާނާގެ ޙަޔާތަށް ކިހާ ފައިދާ ބޮޑު ކަމެއް ހެއްޔެވެ؟ ކުރާ މަސައްކަތް ކާމިޔާބުވުމުގައި މަރުގެ ދައުރަކީ ކޮބައިހެއްޔެވެ؟

އެމެރިކާގެ އެރިޒޯނާ ޔުނިވަރސިޓީން ޝާއިޢުކުރާ މަޖައްލާއެއް ކަމުގައިވާ Journal of Sport and Exercise Psychology  ގެ 2016 ވަނަ އަހަރުގެ އަދަދުގައި އާދަޔާ ޚިލާފު ދިރާސާއެއް ކިޔުންތެރީންނަށް ހަދިޔާކޮށްފައި ވެއެވެ. މި ދިރާސާ ބުނާގޮތުގައި އިންސާނާ ކުރާ ތަފާތު ޢަމަލުތައް ރަނގަޅުކޮށް ކާމިޔާބުކުރުމާ މަރާމެދު ވިސްނުމާ ދެމެދުގައި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ތިބާ މަރާމެދު ވިސްނައިގެން ތިބާ ކުރާ ޢަމަލަކީ ދުނިޔޭގައި ތިބާ ކުރާ އެންމެ ފަހު ޢަމަލުކަމުގައި ބަލައިފިނަމަ ތިބާގެ އެ ޢަމަލު ވަރަށް ކާމިޔާބު އަދި ވަރަށް އީޖާދީ ޢަމަލަކަށް ވެގެންދާނެއެވެ. މި ދިރާސާއާ ވިދިގެން ސައެންސީން  ކުޅިވަރުކުޅޭ މީހުންނާއި ދަރިވަރުންނާއި ވިޔަފާރިވެރީން ކުރާ  މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި މަރުމަތިން ހަނދާންކޮށްދޭން ފެށިއެވެ.

سبحان الله! އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ  صلى الله عليه وسلم  ނަމާދުކުރަން ފެށުމުގެ ކުރިން މަރާމެދު ވިސްނުމަށް ވަނީ އަޅުގަނޑުމެންނަށް އިރްޝާދު ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (إذَا قُمْتَ فِي صَلَاتِكَ فَصَلِّ صَلَاةَ مُوَدِّعٍ [1] –-  ތިބާ ނަމާދުކުރާ އިރު   އަލްވަދާޢު ކިޔާ މީހަކު ނަމާދު ކުރާ ގޮތަށް ތިބާ ނަމާދު ކުރާށެވެ!)

ހިތަށް ނިކަން ގެނެސް ބަލާށެވެ! ތިބާ  ކޮންމެ ދުވަހަކު  ފަސް ފަހަރު މަރުމަތިން ހަނދާންކުރާ ނަމަ  ތިބާގެ ޙަޔާތް ކާމިޔާބުވުމަށް ކިހާ ބޮޑު އެހީތެރިކަމެއް ލިބޭނެ ހެއްޔެވެ؟ މި ކަމުގެ ސަބަބުން ތިބާގެ ނަމާދަށް ވެރިވާ ޚުޝޫޢަތުގެ ސަބަބުން ތިބާގެ ނަމާދު ކިހާ ނަލަވާނެ ހެއްޔެވެ؟  މާތް ﷲ ވަޙީކުރެއްވިއެވެ. (قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ[2]‏ – މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.)  ނަމާދުގައި ﷲއަށް ބިރުވެތިވުމަކީ ނަމާދުގެ ސަވާބު ތިބާއަށް ފުރިހަމަކޮށް ލިބިދޭނެކަމެކެެވެ. ގިނަ ބަޔަކު ނަމާދުކުރާއިރު ދުނިޔަވީ ކަންތައްތަކުގެ ތެރެއަށް ގެނބިފޯވެގެން ނަމާދުކުރެވޭ ވަގުތު އާދެއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم އަށް މި ޢލްމު ލިބިވަޑައިގަތީ ކޮންތާކުންހެއްޔެވެ؟ މަރުމަތިން ހަނދާންކުރުމުގެ ފަންނިއްޔަތަކީ 21 ވަނަ ސައްތައިގައި ތަޖްރިބާކުރެވުނު އައު އުސްލޫބެކެވެ. މީގެ ފަނަރަ ސައްތަ އަހަރު ކުރިން މި ޙަޤީޤަތުގެ ސިއްރުތައް ކައު ރަސޫލާއަށް އެނގިވަޑައިގެން އެކަމަށް އަމުރުކުރެއްވުމަކީ ނަބަވީ މުޢުޖިޒާތެއް ނޫންހެއްޔެވެ؟ އެއީ ރަސޫލެއްކަން  ބަޔާންކޮށްދޭ ވަރުގަދަ ދަލީލެއް ނޫންހެއްޔެވެ؟

 

ޙަވާލާ:

[1]  – أخرجه ابن ماجه (٤١٧١)، وأحمد (٢٣٤٩٨ )

[2]  – سورة المؤمنون: 1-2

advertisement
ހިޔާލު ދެއްވާ!