ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ސްޕްރީމްކޯޓަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިނެވެ.
ޢަލީ ޙުސައިން ވިދާޅުވީ، ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށްވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެ އަދި އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިން.
— Ali Hussain (@AleeVoice) November 24, 2024
ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާއިރު، ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނު އަސާސީ ބަދަލުކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުންކަމުގައި ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު ޢަބްދުﷲ ދީދީ ވެސް ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޑީޑީ ވިދާޅުވީ "އެންޓި ޑިފެކްޝަން"އާ ގުޅޭގޮތުން ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ "ރައްޔިތުންގެ ބާރު" ގެއްލޭ އިޞްލާޙެއްކަމަށެވެ. އަދި ރައްޔިތުންގެ ބާރު ނުވަތަ ރައްޔިތުންގެ ސިޔާދަތު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު އެ ސިޔާދަތު ކަށަވަރުކޮށްދޭ މަބްދައަކީ، އެ މަބްދައާ ޚިލާފަށް ޤާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނޭ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" (supra constitutional) ޕްރިންސިޕަލްއެއް ކަމަށްވެސް ޑީޑީ ވިދާޅުވެފައިވެއެވެ.
ސަރުކާރުން ޤާނޫނު އަސާސީއަށް އިޞްލާޙުތަކެއް ހުށަހެޅީ މި ދިޔަ ބުދަ ދުވަހުއެވެ. އަދި ބިލް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް ތަޅުމަށް ގެނެސް އެ ދުވަހުގެ ހަވީރު މަޖްލީހުން އެ ބިލު ފާސްކުރިއެވެ. މަޖްލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަ އެދުވަހު އެ ބިލު ތަޞްދީޤުކުރައްވާފައެވެ.