އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އޭސީ) ގެ މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވަކި ކުރަން ނިންމި ބޭފުޅުންނަކީ:
– އޭސީސީގެ ނައިބު ރައީސް ޢަބްދުއްސަލާމް
– އޭސީސީގެ މެންބަރު ޠޯޙާ މުޙައްމަދު
– އީސީގެ ނައިބު ރައީސް ޢަލީ ނަޝާތު
– އީސީގެ މެންބަރު ޑރ. މުޙައްމަދު ޒާހިރު
– އީސީގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުޙައްމަދު ނާސިޙު ވަކިކުރުމުގެ މައްސަލަ ވެސް މިއަދު ބެލިއެވެ. އެހެންނަމަވެސް، ކޮމިޓީން ނިންމީ އޭނަ ވަކިނުކުރުމަށެވެ.
އޭސީސީގެ ނައިބު ރައީސް ޢަބްދުއްސަލާމާއި، ޠޯހާ ވަކިކުރަން ހުށަހެޅީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.
އީސީގެ ނައިބު ރައީސާއި މެންބަރުންތަކެއް ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިދިޔަ މަހުގެ 22 ގައި ވަނީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ތުހުމަތުތަކަކީ ކޮބައި ކަމެއް ހާމަކޮށްފައިނުވެއެވެ.