ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ނާއިބު މިނިސްޓަރު މުހައްމަދު ރާޣިބު އަޙްމަދު މަގާމުން ވަކިކޮށްފި

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ނާއިބު މިނިސްޓަރު މުހައްމަދު ރާޣިބު އަޙްމަދު މަގާމުން ވަކިކޮށްފި އެވެ.

ރާޣިބު މަގާމުން ވަކިކުރީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ރާޣިބު ވިދާޅުވާ ގޮތުގައި ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ސިޓީއެއްގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަށް ރިއާޔަތްނުކޮށެވެ. އެގޮތުން ސިޓީއެެއްގެ ދަރަޖަ ދިނުމުގައި 10،000 މީހުންގެ އާބާދީ އަށް އޮންނަން ޖެހޭ އިރު، އެ ޝަރުތި ތިނަދޫގައި ހަމަނުވާ ކަމަށް ރާޣިބު ވިދާޅުވި އެވެ.

ރާޣިބު ވިދާޅުވީ އެ ރަށުގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ. އެހެންވެ، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެންނެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން ރާޣިބު ހުށަހެޅި މައްސަލަގައި އެދުނެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ ރަށެއްގެ ރެޖިސްޓްރީގައިވާ އެރަށުގެ އާބާދީ މަދުވެގެން 10،000 އިން މައްޗަށް އެރުމުންނެވެ.

ރާޣިބު ހުށަހަޅާފައިވާ މައްސަލަ ހައި ކޯޓުން ބަލައި ގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައެވެ. އެ ގަރާރުގައި ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަން ޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ގދ. ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖޭގެ ސިޓީތަކުގެ ތެރޭގައި މިހާރު ހިމެނެނީ ތިނަދު އާއި އައްޑު އާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން ވެރިކަން ކުރާ މާލެ އެވެ.

advertisement
ހިޔާލު ދެއްވާ!