އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
ރައީސް މިއަދު ތަޞްދީޤު ކުރެއްވި މި ބިލަކީ އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލަށް ގެނެސްފައިވާ އިޞްލާޙަކީ ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރާ އުޞޫލު ބަދަލުކުރެމެވެ. އެގޮތުން، މި ބިލް ފާސްވުމާއެކު، ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ޢައްޔަންކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބިލްގައި ބުނަނީ ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބުރައީސަކު އައްޔަންކުރާނީ، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއްގެ ނަން ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ނުވަތަ މީހުންނެވެ. އެހެންނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްގެ މަޤާމަށް ޢައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެމަތިން މަޤާމުން ވަކިވަންދެން އެ މަޤާމުގައި ދެމިތިބޭނެއެވެ.
މި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސް ނުވަތަ ނައިބުރައީސް އިސްތިޢުފާ ދިނުމުގެ އިޖުރާޢަތްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ކޮމިޝަނުގެ ރައީސް އަދި ކޮމިޝަނުގެ ނައިބުރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެ ނަމަ، އިސްތިޢުފާގެ ސިޓީ ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.