ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތުގެ މަތިން، މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެކި މިނިސްޓްރީތަކުން 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ބުނެ ސަރުކާރުން ހެދީ ބޮޑު ދޮގެއްކަން "ރިވާޔާ ނިއުސް" އަށް އެނގިއްޖެ އެވެ.
އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެއިން 15 ދުވަހުގެ ތެރޭގައި އެކި މިނިސްޓްރީތަކުން 228 މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 15 ގަ އެވެ.
ވަކިކުރަން ނިންމާފައިވާ ކަމަށް ރައީސް އިއުލާނު ކުރައްވާފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
މި ނިންމުމާއެކު ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވެފައިވާތީ ސަރުކާރުގެ އެކި މިނިސްޓްރީތަކުން ސިޔާސީ ބައެއް ފަރާތްތަކަށް މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހުން އެންގި އެވެ. އެގޮތުން ބައެއް މީހުން އިސްތިއުފާ ދިންނަމަވެސް އަނެއްބަޔަކު އިސްތިއުފާ ނުދޭކަން މި ނޫހަށް ވަނީ އެނގިފައެވެ.
އަދި ރައީސް އޮފީހުން އަންގައިގެން އިސްތިއުފާ ދިންމީހުންގެ ތެރެއިން ގިނަ މީހުންނަށް އެމީހުން ތިބި މަގާމު ނުވަތަ ސަރުކާރުގެ އެހެން މިނިސްޓްރީއަކުން ނުވަތަ ކުންފުންޏަކުން ވަނީ ސިޔާސީ މަގާމެއް ދީފައެވެ.
އެހެން ކަމުން ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ ސީދާ އިތުރުފުޅެއްކަން ވަނީ ހާމަވެފައެވެ. ސިޔާސީ މުވައްޒަފުން މަދު ނުވި ތާނގައި މިހާރުވެސް ސިޔާސީ މަގާމުތަކަށް އަލަށް އެތައް ބަޔަކު ވައްދަމުންދާ ކަން ވެސް މި ނޫހަށް ވަނީ އެނގިފައެވެ.
މި ކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދާލުމަށް ތަރުޖަމާނަށް މެސެޖް ކުރުމަށްފަހު މެސެޖަށް ޖަވާބު ނުދެއްވުމުން ފޯނަށް ގުޅުމުން ފޯނަށް ވެސް ޖަވާބު ދެއްވާފައި ނުވެއެވެ.