ރައްޔިތުންގެ މަޖްލީހުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާހު ބާޠިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލް ޢަލީ ހުޞައިނެވެ. މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފަ އެވެ.
ޢަލީ ހުޞައިން ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރި އިޞްލާޙު ޤާނޫނުއަސާސީއާއި ޤާނޫނު އަސާސީގެ އަސާސީ އޮނިގަނޑާވެސް ޚިލާފަށް އޮތުމުންނެވެ.
އިޞްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށްގެން އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.
މީގެ އިތުރުން ޤާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިޞްލާހު ގެންނައިރު، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭކަމަށް އޮންނަ މާއްދާ އިޞްލާޙުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިޞްލާޙުކޮށްފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅި އިސްލާހުގެ ދަށުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ނުވަތަ އީއީޒެޑަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށްވެސް ހިމަނާފައިވެއެވެ. އަދި ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙު ކޮށްފައިވެ އެވެ.
މި އިޞްލާޙު މަޖިލީހުން ފާސްކޮށްފައިވަނީ އެއް ދުވަސް ތެރޭގައި ބަހުސާއި ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިންމުމަށް ފަހުއެވެ. އެއީ މިހާތަނަށް ޤާނޫނުއަސާސީއަށް އެންމެ އަަވަހަށް ގެނައި ބަދަލެވެ. އެ ދުވަހު ބިލް މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް ތަޞްދީޤުވެސް ކުރައްވާފައެވެ.