ބައިނަލްއަޤްވާމީ މިއަދުގެ ނިޒާމު ދެނެގަތުމަށް ބޭނުންވާ މީހާ، މިދާކަށް ދުވަހު ރިއޯ ޑި ޖަނައިރޯގައި ނިމިގެންދިޔަ ޖަމާޢަތް 20 ގެ ސަމިޓާ މެދު ވިސްނައިލުން ރަނގަޅުވާނެއެވެ. މި ސަމިޓުން އެނގިގެން ދިޔަ އެއް ޙަޤީޤަތަކީ މިއަދުގެ ސަމުގާގެ ދިސަތަކަކީ ސިޔާސީ މަސްއަލަތަކުގައި ދެބަސްވުންތަކާއި ބައިބައިވުންތައް ގިނަވުމުގެ ސަބަބުން ބައިނަލްއަޤްވާމީ އިސްތިރާޖީ ވެށި ކަނޑައަޅައިދިނުމަށް ނުކުޅެދިފައިވާ މާގަނޑެއް ކަމެވެ.
މިއީ ޢާލަމީ ނިޒާމުގެ މިއަދުގެ ޙާލަތުގައި އޮތް ޔަޤީންކަމެއްނެތުމާއި ތައުގީދުކަމާއި މަލަތައް ނުސާފުކަން އިތުރުކޮށްދޭ ކަމެކެވެ. ބައިނަލްއަޤްވާމީ މަސްއަލަތައް ޙައްލުކުރުމަށް ލިބިފައިވާ އެންމެ މުހިއްމު ދެ ވަސީލަތެއް ކަމުގައިވާ އދ މަޖިލީހާއި ބައިނަލްއަޤްވާމީ ފައިސާ ފަންޑު (އައިއެމްއެފް) އޮތީ އިޞްލާޙުކުރަން ޖެހިފައެވެ. ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޤާއިމުކުރެވުނު މި ދެ މުއައްސަސާ އިޞްލާޙުކުރާނެ މަގެއް ފެނިފައިނުވާތީއެވެ. މި ދެ މުއައްސަސާ އަދިވެސް ހިނގަމުންދަނީ މި ދެ މުއައްސަސާގެ ބާނީން އެދޭ ގޮތަށެވެ. އެމީހުންގެ މަޞްލަޙަތުތަކާ އެއްގޮތަށެވެ.
ފަރަންސޭސި ރައީސް އިމެނުވީލް މެކަރޯން މި ސަމިޓުގައި ދެއްވި ޚިޠާބުގައި ބައިނަލްއަޤްވާމީ ވެރިކަމުގެ އައު ނިޒާމަކަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔޭގެ ކަންތައްތައް ހިންގަންޖެހޭނީ ކުރުންތެރިކަމާއި އެންމެންގެ މަޞްލަޙަތާ އެއްގޮތަށެވެ. ވަކި ފަރާތެއްގެ މަޞްލަޙަތަށް އިސްކަންދެވިގެންނުވާނެއެވެ. އޭނާގެ މި އަޑުފުޅާއި ދެކުނުގެ ގައުމުތަކުން ގޮވައިލާ ގޮވައިލުންތަކާ އެއްގަލަކަށް އަރާކަން ފާހަގަކުރެވެއެވެ. މި ކަން ކުރެވޭނީ ބައިނަލްއަޤްވާމީ މަސްއަލަތައް ޙައްލުކޮށްދިނުމުގައި ބައިނަލްއަޤްވާމީ މުއައްސަސާތައް ނާކާމިޔާބުވެ ފޭލުވެފައިވާކަމަށް މި މުއައްސަސާތަކުގެ މައްޗަށް އަތްގަދަކޮށްފައިވާ ފަރާތްތަކުން އެއްބަސްވެގެންނެވެ. މިއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟
ފުރަތަމަ ބަޔަށް ބަލާއިރު އިޖްމާޢުވެފައިވާ ގޮތުގައި މި މުއައްސަސާތައް ވަނީ ފޭލުވެފައެވެ. އެހެނަސް ދެވަނަ ބަޔަށް ބަލާއިރު ބައިނަލްއަޤްވާމީ މިއަދުގެ އިސްވާރުންނަށާއި މިއަދުގެ އަރާރުންތަކުގެ ބާވަތްތަކަށް ބަލާއިރު އެއީ ކުރެވިދާނެ ކަމެއްނޫނެވެ. އެއީ މުސްތަޙީލުކަމެއް ކަމަށް ނާގިދުން ވިދާޅުވެއެވެ. ޔުކްރޭނުގެ ހަނގުރާމައަށް ބަލާއިރު ދާދި މިދާކަށް ދުވަހު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މި ވަނީ ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ދުރު ރާސްތާ ބަރު ހަތިޔާރުތައް ބޭނުންކުރުމުގެ ހުއްދަދީފައެވެ. މިކަމާ ވިދިގެން ރަޝިޔާއިން ވަނީ އެ ގައުމުގެ ނިޔުކްލިޔަރ ޢަޤީދާ ބަދަލުކޮށްފައެވެ. މި ގެނައި ބަދަލުގެ ސަބަބުން ނިޔުކްލިޔަރ ގައުމަކުން ނިޔުކްލިޔަރނޫން ގައުމަކަށް ދޭ ހަތިޔާރު ބޭނުންކުރުމަކީ ރަޝިޔާގެ ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ލިބިދޭނެ ޙާލަތެކެވެ.
ފަރަންސޭސި ރައީސް ރިއޯގައި ސަލާމަތީ މަޖިލީހުގައި ދާއިމީ އިތުރު ދެ ގޮނޑި އުފެއްދުމަށް ގޮވައިލެއްވިއެވެ. އެއް ގޮނޑި އެފްރިކާއަށެވެ. އަނެއް ގޮނޑި ލެޓިން އެމެރިކާއަށެވެ. މިއީ މަންޠިޤީ ކަމަކަށް ވިޔަސް މި ވަގުތު މި އަމާޒުފަތްގަނޑަށް ވާޞިލުވުމަކީ މުސްތަޙީލު ކަމެކެވެ. މި ކަން އޮންނާނީ އެމެރިކާއާއި ޗައިނާއާއި ރަޝިޔާގެ އެދުމުގެ މަތީގައި ކަމަށް ވާތީއެވެ. އިޞްލާޙު ކުރުމުގެ ލަގަން މި ގައުމުތަކުގެ އަތުގައި އޮތީތީއެވެ. މީގެއިތުރަށް މި ކަން އޮންނާނީ ދެކުނުގެ ގައުމުތަކުގެ އެދުމުގެ މަތީގައި ރަހީނުކުރެވިފައެވެ. މި ގޮޑިއަށް ދަޢުވާކުރާ ދެކުނުގެ ގައުމުތައް ވެސް ވަރަށް ގިނައެވެ. އިންޑިޔާއަކީ އޭޝިޔާ ބަރޫދުން މިކަމަށް އެދޭ ގައުމެކެވެ. ބާރުގެ ގޮތުން މި ކަމަށް އެކަށީގެންވާ ގައުމެއް ވެސްމެއެވެ.
މުއައްސަސާތަކުގެ އިތުރަށް މި މުއައްސަސާތައް ހިންގުމަށް އިސްކުރެވިފައިވާ އަމީނުންނަކީ ވެސް ދެ އަތްބަނދެވިފައިވާ ބައެކެވެ. މި އަމީނުންނަކީ ސަލާމަތީ މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ކޯޅުންތަކުގައި ހުރަގެއަށް ލެވިފައިވާ ބައެކެވެ. މި ހުރިހާ މުވައްޒަފުންނަށް އދ ގެ ޗާޓަރުގައި އެ މީހުންނާ ޙަވާލުކޮށްފައިވާ މަސައްކަތްތައް އެނގެއެވެ. އެމީހުންގެ މުހިއްމަތު އެނގެއެވެ. އަދި ބައިނަލްއަޤްވާމީ ބާރުތަކުން އެ މުވައްޒަފުންގެ ކުރިމަތީގައި ކުރަހައިފައިވާ ރަތްރޮނގުތައް ވެސް އެނގެއެވެ. ކުޑަކުޑަ މިސާލަކީ އިސްރާއީލާ ބެހޭ މަސްއަލަތަކުގައި އެެމެރިކާއިން އދ ގެ އަމީން ޢާންމަށް ދައްކަމުންދާ ބިރުތަކެވެ. އިސްރާއީލުން ވަނީ އޭނާއާ ދެކޮޅަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި އޭނާގެ މަސައްކަތަށް ހުރަސްއަޅައިފައެވެ. އެހެނަސް " ދޮންދަރިފުޅު" ޙިމާޔަތްކުރުމުގައި އެމެރިކާއިން ގެންގުޅޭ " ނޭއްގާނި" ސިޔާސަތުގެ ސަބަބުން އަމީން ޢާންމުގެ ދެ އަތް ފުރަގަހަށް ލައި ބަނދެލީއެވެ.
ހަމައެފަދައިން ބައިނަލްއަޤްވާމީ ފައިސާ ފަންޑް ފަދަ ބައިނަލްއަޤްވާމީ ނިޒާމުގެ މުއައްސަސާތައް އިޞްލާޙުކުރުމުގެ މަސައްކަތްތައް އޮތީ ބައިނަލްއަޤްވާމީ ބޮޑެތި ދައުލަތްތަކުގެ ހަވާނަފްސުގެ މަތީގައެވެ. ޚާއްޞަކޮށް އެމެރިކާގެ އަތްމަތީގައެވެ. ޔުކްރޭން މަސްއަލައިގައި އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ އަދަދެއް ނެތެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މި ފަދަ މުއައްސަސާތަކުގެ އިޚްތިޞާޞާ ކުޅުން ހުއްޓައިލުމާ ދެކޮޅުހަދައެވެ. މި ފަންޑް ވަނީ އައު ޝަރްޢިއްޔަތަކަށް ބޭނުންވެފައެވެ. އައު ހިންގުންތެރިކަމަކަށް ބޭނުންވެފައެވެ. ވާހަކަދައްކައިގެން ފަސޭހައިން ކަންތައްތައް ކުރުމަށް ޓަކައެވެ. މި ފަންޑުގެ މާލީ ތަނަވަސްކަން ރަނގަޅު ލާބަހުރި ގޮތަކަށް ފޯރުކޮށްދިނުމަށް ޓަކައި ޙިއްޞާގެ މިންވަރުތައް ކަނޑައެޅުމުގެ ނިޒާމު އިޞްލާޙުކުރުމަށް ޓަކައެވެ. މިއަދުގެ ޙާލަތަށް ބަލާއިރު މި ފަންޑުގައި އެމެރިކާގެ ދައުރު ވަނީ "ރެފްރީއެއްގެ މަޤާމުން"، "ދަނޑުމަތީގައި ކުޅޭ މީހެއްގެ މަޤާމަށް" ބަދަލުވެފައެވެ. މިއަދު މި ފަންޑުން ގައުމަކަށް އެއްޗެއް ލިބެނީ އެމެރިކާގެ ރުހުންލިބިގެންނެވެ.
ދުނިޔެ މިއޮތީ ބޮޑުވެގެންވާ އިތުބާރު ގެއްލުމެއްގެ ތެރޭގައެވެ. ދުނިޔެ މި އޮތީ ޤާނޫނުގެ ބާރުގެ ކިރުނާއި ބާރުގެ ޤާނޫނުގެ މަރުތެލާ ދެމެދުގައެވެ. ދުނިޔޭގައި މިއަދު ތަން މިނަށް ހުޅުވި ފެތުރާލެވިފައިވާ 57 އަރާރުން އެބަ އޮތެވެ. ދުއިސައްތައަށް ވުރެ ގިނަ ހަތިޔާރުއެޅި ޖަމާޢަތްތައް އެބަ އޮތެވެ. އަރާރުންތައް ބޮޑުވެ ފެތުރުމުގެ ސަބަބުން 17 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައަށް ދުނިޔެއިން ދަނީ ކުރަމުންނެވެ. މި އަރާރުންތަކުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އަރާރުންތަކަކީ މެދުއިރުމަތީގެ މަސްއަލައާއި ޔުކްރޭން ހަނގުރާމައެވެ. ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ވަނީ މި މަސްއަލަތައް ޙައްލުނުކުރެވިފައެވެ.
ޢާލަމީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު ނަގައި ކިޔަނީ ބާރުގެ ޤާނޫނެވެ. މި ނިޒާމުގައި ހުޅަނގުގެ ހިނިތުންވުންތަކުން ފެންނަނީ އެބައިމީހުންގެ ދެފުށް ދެގޮތް ކަމެވެ. އޭގައި ވަނީ އެމީހުންގެ މަޞްލަޙަތު ނިޔާކުރާ ދެމިންގަނޑުގެ މީޔާރުތަކެވެ.
މީގެ 250 އަހަރުކުރިން ޖޭން ޖެކް ރޯސޯ ވިދާޅުވެފައިވާ ފަދައިން "ބާރުން ޙައްޤެއް ނޫފައްދާނެއެވެ." މާނައަކީ ޤާނޫނުގެ ފާރުގައި ޖެހިފައި އަނިޔާވެރިކަމާއި ޙައްދުފަހަނަޅައިދިޔުމާއި ޚުދްމުޚްތާރުކަން ބިންދައިގެންދާނެއެވެ. އެހެނަސް ޤާނޫނީ ބާރު ބަލިކަށިވެއްޖެނަމަ ނުވަތަ މޯޅިވެއްޖެނަމަ ޙައްޤު ޙިމާޔަތެއް ނުކުރެވޭނެއެވެ. އަދި ޙައްޤު ހޯދޭނެ މަގެއް ވެސް ނޯންނާނެއެވެ.
ބައެއް ބަސްތަކުގެ މާނަ:
ބަރޫދު: ބައްރުވެ ހިކުނުހައި ތަން
ދިސަ: ދުނިޔޭގެ މިސްރާބުތައް.