ވަސީލަތްތައް މަދު ވޮލީ ބޯޅަ، އިންޓަރ ސްކޫލުގައި 80 ޓީމް ބައިވެރިވި!

މިއަހަރުގެ އިންޓަރ ސްކޫލު ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 80 ޓީމް ބައިވެރިވެއްޖެއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންއިން މައުލޫމާތު ދިން ގޮތުގައިި މިއަހަރުގެ މުބާރާތުގައި 36 ސުކޫލަކުން ބައިވެރިވެރިވެފައިވެއެވެ. އޭގެ ތެރެއިން 24 ޓީމަކީ އަތޮޅުތެރެއިން މި މުބާރާތުގައި ވާދަ ކުރި ޓީމް ތަކެވެ.

އެގޮތުން އެކި އުމުރުފުރާއިން، މާލެ އޭރިއާ އިން 31 ޓީމް މި މުބާރާތުގައި ވާދަ ކުރާއިރު، އަތޮޅުތަކުން 49 ޓީމް ވާދަ ކުރެއެވެ. މިމުބާރާތުގައި 202 މެޗް ކުޅޭގޮތަށް ހަމަޖެހިފައިވެއެވެ.

މިއަހަރަކީ އިންޓަރ ސްކޫލު މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިވި ފަހަރުކަމަށް ވީއޭއެމް އިން މައުލޫމާތު ދެއެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި 1100 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތާއި ގުޅިގެން ވީއޭއެމްގެ އެކްސްކޯ މެމްބަރު ފަތުހުالله ވަހީދު ވިދާޅުވީ މިއަހަރުގެ މުބާރާތުގައި މިހާގިނަ ޓީމް ބައިވެރިވެފައި ވުމާއި، ވޮލީ ބޯޅައިގެ ވަސީލަތްތައް މަދު ވުމުގެ ސަބަބުން މިއީ ވަރަށް ބޮޑު ޗެލެންޖިން އަހަރެއް ކަމަށެވެ.

އެގޮތުން މިއަހަރު 80 ޓީމް މި މުބާރާތުގައި ވާދަ ކުރާއިރު ވަކި ދުވަހަކަށް މުބާރާތް ނިންމާލަން ޖެހޭއިރު ވޮލީ ކުޅެން އޮތީ އެކުވެނި ކައިރީގައި އޮންނަ ޓާފް ތިން ދަނޑެވެ.

މި މުބާރާތް ކަނޑައެޅިފައިވާ ދުވަހަށް ނިންމަން ޖެހޭތީ ހޭންޑްބޯޅަ ގްރައުންޑް ފުރަގަހުގައި އޮންނަ ވެލި ދެކޯޓުގައި ވެސް މުބާރާތް ކުޅެމުންދާ ކަމަށް ފަތުހުالله ވިދާޅުވިއެވެ. އެގޮތުން ދުވާލަކު 25 މެޗް ކުޅެންޖެހެއެވެ. އެހެން ކަމުން އެއް ވަގުތެއްގައި 5 މެޗް ފަސް ކޯޓުގައި ކުރިޔަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަތުހުالله ވިދާޅުވީ މިހާގިނަ ޓީމާއެކު މުބާރާތް ބާއްވާއިރު މާލޭގައި ވޮލީ ކުޅޭނެ ވަސީލަތް ނެތުމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

އަންނަ އަހަރުގެ މުބާރާތް މާލޭގައި އެކަނި ބޭއްވުމުގެ ބަދަލުގައި އަތޮޅުތަކުގައި ވެސް ބައެއް ރައުންޑް ކުޅުމުގެ ވިސްނުން ގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!