މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް--- ފޮޓޯ: ރިވާޔާ ނިއުސް

ހުޅުމާލެ މައްސަލަ: އީގޯ ދޫކޮށް، އަމިއްލަ މުދާގަނޑެއްގެ އިހްސާސް ދޫކޮށް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ޖެހޭ!

އީގޯ ދޫކޮށް، އަމިއްލަ މުދާގަނޑެއްގެ އިހްސާސް ދޫކޮށްލައި ގާނޫނީ އިމުގެ ތެރެއިން ސަރުކާރާއި އެޗްޑީސީއިން ކަންކަން ކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރިވާޔާ ނިއުސް އިން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 20:00 ގައި ގެނެސްދޭ "28 މިނެޓް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބުނާގޮތުގައި ހުޅުމާލެ އަކީ މާލެ ސިޓީގެ އިހްތިސާސް ހިނގާތަނެއްކަމަށެވެ.  ލާމަރުކަޒީ ގާނޫނު ބުނާ ގޮތުންނަމަ އެއްވެސް ރައްޔިތަކު ކުންފުންޏެއްގެ ދަށުގައި ނުބޭތިއްބޭނެއެވެ. ނަމަވެސް އެޗްޑީއިން ހުޅުމާލެ އަކީ އެމީހުންގެ މުދާގަނޑެއްގެ ގޮތުގައި ދެކޭކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ސަބަބުން ހުޅުމާލެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުރަސް އެޅިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެޗްޑީސީގެ ދަށުގައި އޮތް ހުޅުމާލެ އަކީ މާލެ ސިޓީގެ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް އެންމެ ބޮޑަށް ވަކާލާތުކޮށް އެކަން އިއުލާނުކުރެއްވީ ކުރީގެ މޭޔަރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އެމައްސަލަ އެމަނިކުފާނުގެ މޭޔަރުކަމުގައި ކޯޓަށް ހުށަހަޅުއްވައި އަދިވެސް އެމައްސަލަ އޮތީ ކޯޓުގައި ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޑރ. މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލުގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ކޯޓަށް މައްސަލައެއް ވައްދާފައިވާ ކަމަށެވެ. ޕީއެންސީއަށް ވެރިކަން ލިބުމުން،  މައްސަލަ އަނބުރާ ގެންދިޔުމަށް ދާދިފަހުން އެޗްޑީސީގެ ޓީމަކުން ކައުންސިލަށް ޒިޔާރަތް ކުރި ކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެމައްސަލަ އަކީ ކުރީގެ މޭޔަރު ޑރ. މުއިއްޒު ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ކޯޓަށް ހުށަހެއްޅުއްވި މައްސަލަ އަކަށް ވާތީ އެކަން އަނބުރާ ގެންދިޔުމަކީ މިހާރުގެ ކައުންސިލުން ކުރައްވާނެ ކަމެއް ނޫން ކަމަށް އެޓީމަށް ދަންނަވާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެމައްސަލަ ހުށަހެޅުއްވީ ޕީއެންސީއިން ކަމަށްވުމުން އެމައްސަލަ މިހާރު އަނބުރާ ގެންދެވޭނީ ވެސް އެބޭފުޅުންނަށް ކަމަށް ދަންނަވާފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ ބާރު ހިނގާ ތަނަކަށްވީ ނަމަވެސް ހުޅުމާލެ އަކީ އެޗްޑީސީގެ މުދާގަނޑެއް ކަމުގައި ދެކޭ ދެކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

advertisement
ހިޔާލު ދެއްވާ!