ކޮންމެ ހަފްތާއެއްގައިވެސް ވެހިކަލް ދުއްވުން މަނާ ގަޑިތަކެއް ކަނޑައެޅުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޒިމް

ޢީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާކުރާ ފަދައިން، ކޮންމެ މަހެއްގައިވެސް ވެހިކަލް ދުއްވުން މަނާ ގަޑިތަކެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރިވާޔާ ނިއުސް އިން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 20:00 ގައި ގެނެސްދޭ "28 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެކަމާ ގުޅޭ ކަރުދާހެއް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވާނެކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ނުރަސްމީކޮށް ކައުންސިލަރުންގެ ޚިޔާލު ހޯދާފައިވާނެކަމަށާއި، އެ ޚިޔާލަށް ކައުންސިލަރުންވެސް ތާއީދު ކުރައްވާ ކަމަށެވެ.

ޢާޒިމް މިފަދައިން ވިދާޅުވީ ޢީދު ފަދަ ޚާއްޞަ ދުވަސްތަކުގައި މާލޭގައި ވެހިކަލް ދުއްވުންމަނާކުރާ ފަދައިން، ކޮންމެ ހަފްތާއެއްގެވެސް ވަކި ވަގުތުކޮޅެއް ފައިމަގުގައި އުޅުމަށް ޚާއްޞަކުރެއްވުމަށް ޤަޞްދުކުރައްވާތޯ އެ ޕްރޮގްރާމްގައި ސުވާލުކުރުމުންނެވެ.

@rivaayaanews

ޢާޒިމް ވިދާޅުވީ އެކަން ފެއްޓެވުމުގެ ގޮތުން އެންމެ ފުރަތަމަ ކަނޑައަޅުއްވާނީ ކޮންމެ މަހެއްގެވެސް އެއް ހުކުރު ނުވަތަ ދެ ހުކުރު ދުވަހުން ވަގުތުކޮޅެއް ކަމަށެވެ. އެގޮތުން،  ފުރަތަމަ ހުކުރުގެ ހެނދުނުގެ ވަގުތުކޮޅާއި، ދެވަނަ ހުކުރުގެ ހަވީރުގެ ވަގުތަކީ މާލެ ސިޓީގައި ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހަދައި ކުރީގެ ދިރިއުޅުން ތަޖްރިބާކޮށްލުމުގެ ފުރުޞަތު ދިނުމުގެ ވިސްނުންފުޅު އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ. އަދި އެބީދައިން ވަގުތު އިތުރުކުރަމުންގޮސް ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހުގެ ވަކި ވަގުތުކޮޅަކީ ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އެވަގުތަކީ ޓްރެފިކް ފްލޯއަށްވެސް މާ ބާރުބޮޑު ވަގުތަކަށް ނުވާނެތީ އެކަމަކީ ފަސޭހައިން ކުރެވިދާނެކަމެއްކަމަށް ފެނިވަޑައިގަންނަވާކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!