ކްރިމިނަލް ކޯޓް

ސިފައިންގެ މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ މަސްތުވާތަކެތި އަތުން ފެނުމުންވެސް ހައްޔަރު ކުރި ފުރަތަމަ ފަހަރު ކަމަށް ބަލައި ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސިފައިންގެ މީހަކު ޝަރުތުތަކާއެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މާލެއަށް ނިސްބަތްތާ އުމުރުން 21 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ފުލުހުންނަށް އޭނާ ފެނުމުން ހާސްވެ ބިރުގަނެ އެ ސަަރަހައްދު ދޫކޮށް ދާން އުޅުމުން ފުލުުހުން އޭނާ ހުއްޓުވާ ރޭ 2:45 ހާއިރު އޭނާ ބަލައި ފާސް ކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓާއި، ސޯޓުގެ ވައަތް ފަރާތު އަރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ.

އޭނާގެ ކުޑަކަމުދާ ތަކެތި ޓީސީއެލް އަށް ޕޮޒިޓިވްވެފައިވާއިރު، މުޖުތަމައުގެ ސަލާމަތަށް ފުލުހުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަަހަން އެދިފައެވެ.

ނަމަވެސް މިއީ އޭނާ ހައްޔަރު ކުރި ފުރަތަމަ ފަހަރު ކަަމަށްވާއިރު، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކިންގ މިންގަނޑަށް ނާރާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި ކުރެވިފައިވާ ތުހުމަތަށް ބަލާއިރު، މިއީ އޭނާ ޖަމާއަތް ހަދައިގެން ހިންގާފައިވާ ކުށެއް ނޫން ކަަމަށް ބުނެފައި ވެެއެވެ.

ކުށްކުރާ މީހުން ކޯޓުން ދޫކޮށްލާ، އަނެއްކާވެސް ހަމަ އެކުށްތަކަށް އަރައިގަތުމަށް ފުރުސަތު ދޭ މައްސަލަ ތަކަކީ ވަރަށް ގިނައިން ފާހަގަ ކުރެވޭ ކަމެކެވެ. އެގޮތުން އެކި އެކި ކުށްތައް ކުރާ މީހުން އެތައް ފަހަރަކު އެއް މައްސަލައެއްގައި ކުށްކޮށްގެން ހައްޔަރުކުރާއިރުވެސް ކޯޓުތަކުން އެމީހުން ދޫކޮށްލާތީ އާންމުންގެ ފާޑުކިޔުން ވަނީ ކޯޓުތަކާއި ފުލުހުންނަށް އަމާޒުވެފައެވެ.

advertisement
ހިޔާލު ދެއްވާ!