ދިވެހި ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް މަދުކޮށް ގައުމުގެ ކަރާމާތް ހިމާޔަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"ދިވެހި ސަރުކާރުން ދިން ގެރެންޓީއަކަށް ނެގި ލޯނު ނުދައްކައިން މިހާރު އެއޮތީ ޑިފޯލްޓްގަ، ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާފަ ދިވެހިރާއްޖޭގެ ކަރާމާތް ހިމާޔަތް ކުރަން މިއަދު މިއޮތީ ޖެހިފަ" ރައީސް ޔާމީން
އަވައްޓެރި ސްރީލަންކާގެ ނޫސްތަކުގައި ރާއްޖޭގެ ސަރުކާރުން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ވާހަކަ މީޑިޔާތަކުގައި ލިޔާ ހިސާބަށް ދިޔުމަކީ ވަރަށް ލަދުވެތި ކަމެއް ކަމުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ލަންކާއަކީ ރާއްޖެއާއި އެންމެ އުޚުތްވަތްތެރި އެންމެ ގާތް ގައުމަށްވެފައި 15،000 ވަރުގެ އާބާދީއެއް ލަންކާގައި ދިރިއުޅެމުންދާއިރު މިފަދަ ކަންކަމަކީ އެ ފަރާތްތަކަށްވެސް ކުރިމަތިވާނެ ގޮންޖެހުންތަކެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުގެ މި ފެއިލިއާ އަކީ އަނެއްކާވެސް އިތުރު ގައުމަކާއި ނުތަނަވަސްކަން އުފެދިގެންދާނެ ކަމަށާއި އިންޑިއާ އާއި ދިމާވި ފަދަ ޚާރިޖީ ގޮންޖެހުންތައް އަނެއްކާވެސް ތަކުރާރުވުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކޮންމެ މަހަކު މެންބަރުންނަށް ބަހާ 50 ހާސް ރުފިޔާ ބެހުން ފަދަ ކަންތައް ހުއްޓާލައި ރާއްޖޭގެ ކަރާމާތް ހިމާޔަތް ކުރުން މާ މުހިންމު ކަމަށެވެ.
މިހާރު ވެރިކަމުގައި ތިބި މީހުންނަކީ އެމްޑީޕީ ސަރުކާރުގައި ބޭކާރު ލޯނާއި ޚަރަދު ކުރާތީ އެކަމަށް އެންމެ ފާޑުކީ މީހުން ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.