އެމްއެމްޓީވީގެ އާލާތްތައް އެސްޓީއޯއިން ފޯރުކޮށްދީ، ކުލި ދައްކަނީ އެންސްޕާއިން ކަމަށް ދެކެވޭ ވާހަކަ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތައް ބުނާގޮތުން އެންސްޕާ އާއި އެމްއެމް ޓީވީ ހިންގާ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސްއާ ދެމެދު 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދާފައިވެއެވެ. މި ލިޔެކިޔުންތައް ބުނާގޮތުން އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމަށް އެއްބަސްވެފައިވެއެވެ.
އާންމު ވެފައިވާ ލިޔެކިޔުންތައް ބުނާގޮތުން އެ ގެއިން ދެ ފަންގިފިލާ މަހަކު 580،000ރ އެންސްޕާއިން ކުއްޔަށް ހިފާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ހިންގާ ޓެންޑާ ބޯޑް މެދުވެރިކޮށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން، މީޑިއާ ހައުސްއިން ހަމަ އެ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވާކަމަށެވެ.
އޭގެ ތެރެއިން 2 ފަންގިފިލާ އެންސްޕާ އަށް ދޫކޮށްފައިވާއިރު، އަނެއް 2 ފަންގިފިލާ ބޭނުންކުރަނީ ރައީސް މުއިއްޒުގެ ޓީވީ ސްޓޭޝަންގެ މަސައްކަތްތަކަށް ކަމަށް ބުނެފައިވެއެވެ.
އާންމުވި ލިޔެކިޔުންތައް ބުނާގޮތުން ހަތަރު ފިލާއަށް ޖުމްލަ 580،000ރ ދައްކާއިރު، އެންސްޕާ މެދުވެރިކޮށް އެމްއެމް ޓީވީ ހިންގާ ދެ ފަންގިފިލާގެ ކުލި ވެސް މީގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށް މައުލޫތު އާންމު ވެފައިވެއެވެ.
އެހެންކަމުން މިއީ ބޮޑު އަގުގައި ރައީސް މުއިއްޒުގެ ޓީވީ ހިންގާ ކުންފުންޏަށް މަންފާވާ ގޮތަށް ވަނީ ރައްޔިތުންގެ އާސަންދަ ފައިސާ އިސްރާފުކޮށް ކޮށްފައިވާ ވައްކަމެކެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ކުރެއްވި ކެމްޕެއިންގައި ބޭނުން ކުރެއްވި މުހައްމަދު މުއިއްޒު ޓީވީގެ ނަމުގައި ހިންގި މި ޓީވީ ޗެނަލް ރީބްރޭންޑްކޮށް އެމްއެމްޓީވީގެ ނަމުގައި އަލުން ލޯންޗް ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނީ އެސްޓީއޯއިން ކަމަށާއި، އެ ތަކެތި ދުބާއީން ގަތުމަށް ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ އެސްޓީއޯ އިން ޚަރަދުކުރި ކަމަށް މައުލޫމާތު ލިބިއެވެ. އަދި އެ ތަކެތި ގަތީ ޕީއެސްއެމްއަށް ގެންނަ ތަކެތީގެ ގޮތުގައިކަމާ ނަމަވެސް ގެނައި ތަކެތީގެ ދެބައިކުޅަ އެއްބައި ގެންދިޔައީ އެމްއެމް ޓީވީއަށް ކަމަށްވެސް މައުލޫމާތު ލިބިފައެވެ.
ރޭގަ އާންމުވި ލިޔެކިޔުންތަކަކީ "ދޮގެއް" ކަމަށް ރިވާޔާ ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިސްވެ ހުންނަވާ ރޭ އިފްތިތާހުކުރި ޓީވީ ސްޓޭޝަން ކަމަށްވާ "އެމްއެމްޓީވީ" ރަޖިސްޓްރީ ކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓަޑްގެ ދަށުން އަބްދުﷲ ޒާހިރު ކިޔާ ހއ. ވަށަފަރު މީހެއްގެ ނަމުގައެވެ. ޒާހިރުއަކީ ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ ދުވަހަކު ވިޔަފާރިއެއްކޮށް، އަދި މީޑިއާއެއްގައި އެއްވެސް މަސައްކަތެއް ކުރި މީހެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.