ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އެސްޓީއޯގެ ތެޔޮ ބިލްތަކަށް ކުރާ ޚަރަދު ބޮޑުވަނީ އިސްވެރިންނަށް ބައި އަޅައި ހިންގާ ކޮރަޕްޝަންގެ ސަބަބުން: ރައީސް ޔާމީން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާއިރު، އެސްޓީއޯއިން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވަނީ ސަރުކާރުގެ ވަކި ބަޔަކަށް ބައި ލިބޭ ގޮތަށް ވިޓޯލް އާ ގުޅިގެން ހިންގަމުންދާ ކޮރަޕްޝަނާ ގުޅިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ތެޔޮ ބިލުތަކަށް ކުރާ ޚަރަދަށްވުރެ މިހާރު ކުރަންޖެހޭ ޚަރަދު ބޮޑުވެގެން އުޅެނީ ވިޓޯލްއިން ބުނާ އަގެއްގައި އެސްޓީއޯއަށް ތެޔޮ ގަންނާތީ ކަމަށެވެ.

"އެ ތެޔޮ ބިލްތަކަށް އަގުބޮޑުވެގެން އެ އުޅެނީ ކޮރަޕްޝަނުން، އިންތިހާއަށް ކޮރަޕްޓު ބައެއް  ވިޓޯލް އެއީ އެ މީހުންނަށް ސަރުކާރުން ބައި އެޅިގެން އެމީހުން ބުނާ އަގެއްގައި ތެޔޮ ގަންނާތީ އެކަން ވެގެން އެ އުޅެނީ، މުނައްވަރު މެންނަކަށް ކަހަލަ މައްސަލަތައް ބަލާކަށް ނުކުރޭ، ރައްޔިތުންގެ ފައިސާއޭ އެ ހޭދަ ކުރަނީ މިކަމަށް، ވިޓޯލުން ސަރުކާރުގެ ބައެއް ފަރާތްތަކަށް ބައި އަޅައިގެން މިކަން މި ކުރަނީ، އެހެންވެގެން ތެޔޮ ބިލްތައް ބޮޑުވެގެން މިއުޅެނީ، ދުނިޔޭގައި ތެޔޮ އަގުހެޔޮވަމުންދާ ވަގުތެއް މިއީ އިނގޭތޯ؟،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ބުދަ ދުވަހު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު، އަހުމަދު މުނައްވަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ.

އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ދިވެހިރާއްޖެއަށް އެތައް ބައިވަރު ޑޮލަރެއް ވަންނައިރު، ރާއްޖޭގެ ރިޒާވް ދަށަށް ދާ ސަބަބާ ގުޅޭގޮތުން ބޭރުގެ މާލީ އިދާރާތަކުން ވެސް ސުވާލު ކުރާ ކަމަށެވެ.

އެކަން ތަފުސީލު ކޮށްދެއްވަމުން މުނައްވަރު ވިދާޅުވީ އަހަރެއްގެ މައްޗަށް އެމްއެމްއޭއަށް ލިބޭ ޑޮލަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ހޭދަ ކުރަނީ އެސްޓީއޯގެ ތެޔޮ ބިލްތަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެވަރެޖުކޮށް އަހަރެއްގެ މައްޗަށް އެއް ބިލިއަން ޑޮލަރު ލިބޭއިރު، އެއް ބިލިއަން ޑޮލަރު ހޭދަ ކުރަނީ ކިހިނެއްތޯ؟ އެންމެ ބޮޑު އެއްޗެއް މި ހޭދަ ކުރަނީ އެސްޓީއޯގެ ތެޔޮ ބިލަށް، އެސްޓީއޯގެ ތެޔޮ ބިލަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 500-600 މިިލިއަން ޑޮލަރު ހޭދަކުރޭ، މީގެ ތެރެއިން ވެސް ހަމަ ބޮޑު ބައެއް ޓޫރިޒަމް އިންޑަސްޓްރީއާ އެހެން ފަރާތްތަކަށް ވެސް ހަމަ ބޭނުންވާނެތާ، އެހެންވީމާ އޭގެ މާނައަކީ އެންމެ މުހިންމު، ރިޒާވްގެ އެންމެ ބޮޑަށް އަޅުގަނޑުމެން މި ނަގާކަމުގެ ބޭނުން ކުރަނީ، އެންމެ ބޮޑު ހޭދައެއް މިކުރަނީ އަޅުގަނޑުމެންގެ ތެލަށް،" މުނައްވަރު ވިދާޅުވި އެވެ.

އެސްޓީއޯއަށް ބޭނުންވާ ތެޔޮ މިހާރު ގަންނަނީ ނެދަލޭންްޑްސްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިޓޯލް އިންނެވެ. މީގެ ކުރިން އެސްޓީއޯއަށް ތެޔޮ ގަންނަމުން އައީ އޮމާނުގެ ގައުމީ ތެޔޮ ކުންފުނި، އޯކިޔުއިންނެވެ. އޭގެ ކުރިން ސައުދީ އަރަމްކޯ އާއި އަމިއްލަ ޓްރޭޑަރުން އަތުންނެވެ.

advertisement
ހިޔާލު ދެއްވާ!