މި ވަގުތަކީ ރިޔާސީރޭހަށް ނިކުތުމާމެދު ވިސްނަންވީ ވަގުތެއް ނޫންކަމަށާއި، މިއީ ޤައުމުގެ ޙައްޤުގައި އެމްޑީޕީ އެކަތިގަނޑަކަށްވެ ކުރިޔަށްދާންވީ ވަގުތުކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރިވާޔާ ނިއުސް އިން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 20:00 ގައި ގެނެސްދޭ "28 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ ރިޔާސީ ރޭހުގެ ވާދަވެރިކަން އުފެއްދުމުގެ ބަދަލުގައި މިކަހަލަ ދަނޑިވަޅެއްގައި އެންމެ މުހިއްމު ކަމަކީ އެމްޑީޕީ އެކަތިގަނޑަށްވެ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ. އަދި އެއީ މިވަގުތު މުޅި ދިވެހިރާއްޖެއަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށްވެސް އެ ޕްރޮގްރާމްގައި ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ބައެއް ބޭފުޅުން ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަމަށް އިޢްލާންކުރައްވާފައިވާއިރު، ރިޔާސީ ރޭހުން ޢާޒިމް ފެނިވަޑައިގެންފާނެތޯ ޕްރެޒެންޓަރ ސުވާލުކުރެއްވުމުންނެވެ. "މިގަޑިއަކީ ތިކަމާ ވިސްނަންޖެހޭވެސް ގަޑިއެއް ނޫން. މިގަޑިއަކީ ޤައުމުގެ ޙައްޤުގައި އެމްޑީޕީ އެކަތިގަނޑަކަށްވެގެން ކުރިޔަށްދާންވީ ވަގުތު" ޢާޒިމް ވިދާޅުވިއެވެ.
ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި ނިކުންނެވުމުގެ ޝައުޤުވެރިކަން ހުރިތޯ ތަކުރާރުކޮށް އެ ޕްރޮގްރާމްގައި ސުވާލުކުރުމުންވެސް ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ޢާޒިމް ޔަޤީންކޮށް ނުދެއްވިއެވެ. ޢާޒިމް ވިދާޅުވީ މި ވަގުތަކީ އެކަހަލަ ޑެސިޝަންތައް ނަގަންޖެހޭ ވަގުތެއް ނޫންކަމަށެވެ. އަދި މި ވަގުތަކީ ޤައުމަށް އެމްޑީޕީގެ މުހިއްމުކަން ވަރަށްބޮޑު ވަގުތެއްކަމަށާއި، ޤައުމަށް އެމްޑީޕީގެ ބޭނުން ޖެހިފައިވާ ވަގުތެއްކަމަށްވާތީ، ރިޔާސީ ރޭހުގެ ވާދަވެރިކަން އެއްފަރާތްކޮށް އެމްޑީޕީ އެކަތިގަނޑަކަށްވެ އޮވެގެން ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ޢާޒިމް އިތުރަށް ވިދާޅުވީ ބޯމަތީގައި ކައުންސިލް އިންތިޚާބުވެސް އެބައޮތްކަމަށާއި، ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަކީ ވަރަށްމުހިއްމު ކަމެއްކަމަށެވެ. އަދި އެންމެން އެއްކޮށް ތިބެގެން ނޫނީ ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަކީވެސް ފަސޭހަކަމަކަށް ނުވާނެކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ރޭހުގެ ވާދަވެރިކަން މިހާރު ވަނީ ފެށިފައެވެ. އެގޮތުން އެޕާޓީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާޢީލް ވަނީ ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަން އިޢްލާންކުރައްވާފައެވެ. އެމްޑީޕީގެ އިތުރު ބޭފުޅަކު ރިޔާސީ ރޭހުގެ ޝައުޤުވެރިކަން އަދި ފާޅުކުރައްވާފައި ނުވިޔަސް، ބައެއް ފަރާތްތަކުން ދަނީ ތާއީދު ހޯއްދެވުމުގެ މަސައްކަތް ނުސީދާކޮށް ކުރައްވަމުންނެވެ.