ޑިމޮކްރެސީ ގެނައީ އެކަކު އަތަށް ބާރުތައް ނުދޭންވެގެން. އެކަމަކު ހުރިހާ ބާރެއް އެކަކަށް ދީފި: މޭޔަރ ޢާޒިމް

ޑިމޮކްރެސީ ގެނައީ އެކަކު އަތަށް ބާރުތައް ނުދޭންވެގެންކަމަށާއި، އެހެންނަމަވެސް ޤާނޫނު އަސާސީ ބަދަލުކޮށް ހުރިހާ ބާރެއް އެކަކަށް ދީފިކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރިވާޔާ ނިއުސް އިން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 08:00 ގައި ގެނެސްދޭ "28 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ހުރިގޮތުން، މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ހިނގައްޖެކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖްލީހަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ މެމްބަރު ޕާޓީން ވަކިކުރުމުން މަޖްލީހުގެ ގޮނޑި ގެއްލޭ ހިސާބަށް ދިޔުމަކީ މިނިވަން ގެއްލުންކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.

"ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖްލީހަށް ރައްޔިތުން އިންތިޚާބުކުރި މެމްބަރުގެ ގޮނޑި ގެއްލޭ ހިސާބަށް ދިޔުމުން މިނިވަން ގެއްލުނީ" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް އިތުރަށް ވިދާޅުވީ ޑިވެލޮޕްމެންޓް ޕްލޭނޭ ކިޔާފައި ބިންތަކާ ބެހޭ ބޮޑު ބަދަލެއްވެސް ޤާނޫނު އަސާސީއަށް ގެނެސްފައިވާކަމަށާއި، ހުރިހާ ބާރެއް މިހާރު އޮތީ އެންމެ މީހެއްގެ އަތުގައި ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.


ޢާޒިމް ވަނީ މި ދަނޑިވަޅަކީ އެމްޑީޕީ އެކަތިގަނޑަށްވެ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ވިދާޅުވެފައެވެ.  އަދި މި ވަގުތަކީ ޤައުމަށް އެމްޑީޕީގެ މުހިއްމުކަން ވަރަށްބޮޑު ވަގުތެއްކަމަށާއި، ޤައުމަށް އެމްޑީޕީގެ ބޭނުން ޖެހިފައިވާ ވަގުތެއްކަމަށްވާތީ، ވަގުތު މުޅި ދިވެހިރާއްޖެއަށާއި އެންމެހާ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެމްޑީޕީން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!