ދިވެހި ބަހުގެ ޗާލުކަމާ ރާއްޖޭގެ ޤައުމިއްޔަތުގެ ބަހާތަކަކީވެސް ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ބަހުގެ ޗާލުކަމާ ރާއްޖޭގެ ޤައުމިއްޔަތުގެ ބަހާތަކަކީވެސް ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭންޖެހޭކަމަށެވެ. އެގޮތުން، ރާއްޖޭގެ އަމާންކަމާއި ދިވެހީންގެ އެކުވެރިކަމާއި ޚުލްގު ހެޔޮކަން ރާއްޖެ ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް ޢަމަލީގޮތުން ދައްކަންޖެހޭކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުންކަމުގައިވެސް ވިދާޅުވެފައެވެ. އެގޮތުން "ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" އަކީ ދިވެހީންގެ ޤައުމިއްޔަތާ އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ، އަދި އީޖާބީ ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހީންގެ އަމިއްލަވަންތަކަމާ ޤައުމިއްޔަތު ހިމާޔަތްކުރެއްވުމަށް ސަމާލުކަންދެއްވާ މިންވަރު ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމީ މަންހަޖުގައި ޤައުމިއްޔަތު، ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމާއި، ދިވެހި ދިދައަށާ، ދިވެހީންގެ ޤައުމީ ސަލާމަށް ޚާއްޞަ އިސްކަމެއް، އެމަނިކުފާނު ދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ޤައުމިއްޔަތުގެ ކޮލެޖް ޤާއިމުކުރައްވައި، ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ޤައުމީ ކަންކަން އެންމެ އުހަށް ނަންގަވަން، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވާ މަސައްކަތްޕުޅަށް އެންމެހާ ދިވެހީން އެއްބާރުލުންދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހީންގެ އެއްބައިވަންތަކަމާއި ދެމިތިބުމާމެދު ވިސްނައި، ފިކުރުކުރުމުގެ ބައްދަލުވުމެކެވެ. އަދި އެއީ ދިވެހިވަންތަކަމުގެ ބަހާތަކުގެ ފަންނީ، ޢިލްމީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އާލާކުރުމުގެ ހަފުލާއެކެވެ. ދިވެހިވަންތަކުމުގެ ސިފަތައް ޢިލްމީ ނަޒަރުން މާނަކުރުމަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް އާންމުކުރުން، އަދި ދިވެހީންގެ ރަށްވެހިކަމާއި، ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް، ދިވެހިރާއްޖެއަށް ވެރިކުރުމަށް ހިތްވަރުދީ ކުރިއެރުވުން، މި ކޮންފަރެންސްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.